Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ސައުދީގައި ރާ ވިއްކާ ފިހާރައެއް ހުޅުވައިފި

ސައުދީ ވަލީއަހުދު ސަލްމާން ބިން މުހައްމަދު.

ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ބޭރުގެ ޢައިރު މުސްލިމު ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވައިފި އެވެ.

މިއީ ބަނގުރާގެ ވިޔަފާރި ހުއްޓާލާފައި އޮންނަތާ 70 އަހަރު ފަހުން އެ ގައުމުގައި މިފަދަ ތަނެއް ހުޅުވި ފުރަތަމަ ފަހަރެވެ. މީޑިއާތަކުން ބުނި ގޮތުގައި ވެރިރަށް ރިޔާދުގެ ބޮޑު ސުޕަމާކެޓެއްގެ ކައިރީގައި ހުޅުވި ފިހާރަ އިން ބަނގުރާ ވިއްކާނީ ޑިޕްލޮމެންޓުންކަން ކަށަވަރު ދިނުމުންނެވެ. އަދި އެ ފިހާރައިގެ ތެރޭގައި އުޅޭ އިރު، މޮބައިލް ފޯނު އެކަމަށް ހާއްސަ ތަނެއްގައި ބާއްވަން ލާޒިމުވާނެ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި މޮބައިލް އެޕެއް މެދުވެރިކޮށް ވެސް ބަނގުރާ ގަތުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސައޫދީގެ މިހާރުގެ ވަލީ އަހުމަދު ސަލްމާން ބިން މުހައްމަދާ އެކީ އެ ގައުމަށް މިހާރު ދަނީ ކުރިން އެ ގައުމުގައި މަނާ އެތައް ކަމެއް ތައާރަފު ކުރައްވަމުންނެވެ.

ސައުދީގައި މުސްލިމު ނޫން ޑިޕްލޮމެޓުންނަށް ބަނގުރާ ވިއްކަން ފެށި އިރު، ކުރިން ރާ ގެނައުން ހުއްދަ އޮންނަނީ ޑިޕްލޮމެޓިކް ބޭނުމަށް ހަމައެކަނި އެ އެއްޗެހި އެތެރެކުރާ އުސޫލެއްގެ ތެރެއިންނެވެ.