ޕީޕީއެމް – ޕީއެންސީ އިން ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާއެއްގެ ގޮނޑި ދޫކޮށްލާނެކަން ހާމަކޮށްފިއެވެ.
ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާއަށް ޕްރައިމަރީއަކަށް ނުދާން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި މިއޮތީ އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް ނާޒިމް ވާދަކުރައްވާ ދާއިރާއަށް އަޅުގަނޑުމެން ޕްރައިމަރީއަކަށް ނުދާނަމޭ. އަޅުގަނޑުމެން އެޕާޓީގެ ލީޑަރަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާދަނުކޮށް، އެގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ނާޒިމަށް ދޭނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.
ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ މީދޫ ދާއިރާގެ ގޮނޑިވެސް ދޫކޮށްލާފައިވާ ކަމަށާއި، މާމިނގިލީ ދާއިރާއަށް ވާދަކުރައްވާ ޤާސިމް އިބްރާހިމަށް ވެސް އެދާއިރާ ދޫކޮށްލާ ޕީއެންސީން ވާދަނުކުރުމަށް ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ތިން ދާއިރާއެއްގެ ގޮނޑި ޕީއެންސީން ދޫކޮށްލާނެކަން ހާމަކޮށްފައިވާއިރު، ޕީޕީއެމް – ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހޮނިހިރު ދުވަހުއެވެ.
ޕީޕީއެމް – ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި ބައެއް ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމުމުން މީގެ ކުރިން މައްސަލަ ހޫނުވެ ފާޑުކިޔުންވެސް އަމާޒުވިއެވެ. އެކަމާ ގުޅިގެން ޕީއެންސީން ފަހުން ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ހުރިހާ ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ލިބޭގޮތަށް ޕްރައިމަރީ ބާއްވަން ނިންމާފައެވެ.