Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ: އަދުރޭ

ފޮޓޯ: ޕީޕީއެމް

އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން މަސައްކަތް ކުރަނީ ސަރުކާރު ހުއްޓުމަކަށް ގެންނަން ކަމަށާއި، އެހެންނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި އަދި ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔަ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެ ތެރެއިން އެކުގައި މަސައްކަތް ކުރާނެކަން ހާމަކޮށްފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ލިމިޓެއް ކަނޑައެޅުމަށް މަސައްކަތްކުރާނެކަން ހާމަކޮށްފައިވެއެވެ.

ޕީޕީއެމް – ޕީއެންސީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން މަސައްކަތްކުރަނީ ސަރުކާރު ޒިންމާދާރު ކުރުމުގެ ބަދަލުގައި އެހެން ވިސްނުމެއްގައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބަލިކަށި ސަރުކާރެއް ކަމަށް ހީކޮށްގެން ނުވާނެކަމަށް ވިދާޅުވެ އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ ކަމަށާއި އަދި ހުއްޓުމަކަށްވެސް ނުގެނެވޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުގެނެވުނު ކަމަށާއި، އަމާންކަމެއް އަދި ހަމަޖެހުމެއް ވެސް ނުގެނެވުނު ކަމަށެވެ. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެެއް ސަރުކާރުންވެސް ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރެއް ކަމަށާއި، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން ނަތީޖާ ނެރޭނެ ކަމަށެވެ.