ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބުގެ އޮފީހުން ނިންމައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް ޑރ މުހައްމަދު މުނައްވަރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
ޑރ. މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ އައްޔަނުކުރެވިފައެވެ. މި ދެ ޤާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުން ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ. އަދި ދެ މާހިރުންގެ މަސައްކަތް ނިންމަވާ، ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ޤާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ހަމަޖެހިފައިވެއެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި އައްޔަނުކުރެވިފައިވާ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީއިން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިޔަށްއޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. މި ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓްއަށް ހުށަހެޅުމަށް ބަންޑާރަނައިބު ނިންމަވާފައިވާ ކަމަށްވެސް އޭޖީން މައުލޫމާތުދެއެވެ.
މީގެއިތުރުން އޭޖީ އޮފީހުން ބުނެފައިވަނީ މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާއެކު މި މައްސަލައިގައި އައްޔަނުކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް އައްޔަނުކުރެވިފައިވާ ކޮމިޓީގެ ރިޕޯޓް އާންމުކުރުމަށް ބަންޑާރަނައިބު ނިންމަވާފައިވާ ކަމަށެވެ. އަދި ރިޕޯޓް އާންމުކުރެވޭއިރު، މިރިޕޯޓުގައި މި މަސައްކަތަށް އައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މަޢުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރުމަށްވެސް އޭޖީ ނިންމަވާފައިވާ ކަމަށެވެ.