ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންދާ އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ ޓުޑޭ އިން މިއަދު ބުނީ އެމެރިކާ މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި މިހާރު އާންމުކޮށް ދިރިއުޅެމުން އަންނަ 48 އަހަރުގެ ބަތަލާ އެނބުރި އެކްޓިން އަންނަން ހަމަޖެހިފައިވާ ފިލްމަކީ އަންނަ މަހު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ސަނީ ޑިއޯލްގެ "ލާގޯރު: 1947" ކަމަށެވެ. މިއީ ޕްރިތީއާ އެކީ 2003 ގެ "ދިލް ޗާތާ ހޭ" ކުޅުނު އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ލާހޯރު: 1947" ގެ ޝޫޓިން އަންނަ މަހުގެ 2 ގައި ރަސްމީކޮށް ފަށާނެ އެވެ.
ސަނީއާ އެކީ ކުޅޭ ފިލްމަކުން ޕްރިތީ އެނބުރި ބޮލީވުޑަށް އަންނަ އިރު، އޭނަ އެންމެ ފަހުން ކުޅުނު ފިލްމުގެ ބަތަލަކީ ވެސް ސަނީ އެވެ. އެއީ 2018 ގެ "ބެއްޔާޖީ ސުޕަހިޓް" އެވެ.
ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ވަރަށް ބޮޑަށް ހޯދި ޕްރިތީގެ ފުރަތަމަ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު ޝާހްރުކް ޚާންގެ 1998 ގެ "ދިލް ސޭ…" އެވެ. އޭގެ ފަހުން އޭނަ ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ކިޔާ ކެހެނާ"، "ސޯލްޖާ، "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ"، "ސަލާމް ނަމަސްތޭ"، "ވީރު-ޒާރާ"، "ކަލް ހޯ ނަ ހޯ"، "މިޝަން ކަޝްމީރު"، "ކޮއި…މިލް ގަޔާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެ އެވެ.