Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ސިންގާއެއް ގޮވައިގެން ކާރު ދުއްވުމުން ހައްޔަރަށް!

ޕެޓެއްގެ ގޮތުގައި ގެންގުޅޭ ސިންގާއެއް ގޮވައިގެން ކާރު ދުއްވި މައްސަލައެއްގައި ތައިލޭންޑްގެ އަންހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އޭގައި ފެންނަނީ ބެންޓްލީ ކާރުގެ ފަހަތުގައި ސީޓްގައި ސިންގާ އޮންނަ ތަނެވެ. އަދި އޭތި އޮންނަނީ ޗޭނަކުން އައްސައިފަ އެވެ.

މީޑިއާތަކުން ބުނީ ހުއްދަ ނެތި ޖަނާވަރަކު ގެންގުޅުނު މައްސަލާގައި ޕަޓާޔާ އިން ހައްޔަރުކުރި ސަވަންގްޖީތު ކޮސޫންގްނާން އަށް ދައުވާ ވެސް ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އޭނަ އަށް މަދުވެގެން އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކީ 1،000،000 ބާތު (2،800 ޑޮލަރު) ގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑެވެ.

ހުއްދަ ނެތި ސިންގާ ގެންގުޅުމަކީ ތައިލޭންޑްގައި މަނާކަމެކެވެ. އެހެންވެ ސިންގާއެއް ގެންގުޅެވޭނީ އެކަމަށް ރަސްމީ ހުއްދައެއް ހޯދައިގެންނެވެ.

އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނަގެ ޕެޓް ސިންގާ އަކީ ޖަނަވާރުން ގެންގުޅޭ ފެސިލިޓީއަކުން ގަތް އެއްޗެކެވެ. އެކަމަކު އެ ފެސިލިޓީން އެކަން ކަށަވަރުކުރެވޭ ގޮތް ވެފައި ނުވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ސިންގާ އަކީ ތައިލޭންޑްގައި ކުރިން ދިރިއުޅުނު ސްރީ ލަންކާގެ މީހަކު ގެންގުޅު އެއްޗެއް ކަމަށް އެނގިފައިވާތީ އޭނަ ހޯދުމުގެ މަސައްކަތް ވެސް ތައިލޭންޑްގެ ފުލުހުން ވަނީ ފަށައިފަ އެވެ. އެކަމަކު އެ މީހާ މީހާރު އެ ގައުމުގައި ނެތް ކަމަށްވެ އެވެ. މި މައްސަލާގައި އޭނަގެ މައްޗަށް ވެސް ދައުވާކުރަން ނިންމާފައިވެ އެވެ.