ޝާހްރުކް ޚާންގެ މިދިޔަ އަހަރުގެ ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ ޕްރޮޑިއުސްކޮށް، ވަރޫން ދަވަން ކުޅޭ ފިލްމުގެ ނަމަކީ "ބޭބީ ޖޯން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އެކްޝަން ތުރިލާގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް މިހާރު ނިންމާފައިވާ އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފިލްމު ރަސްމީކޮށް ލޯންޗްކުރަން ކުލަގަދަ ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ. އެކަމަކު އެ އިވެންޓްގައި ވެސް ފިލްމުގެ ނަން އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އިއްޔެ ލީޑް ކާސްޓްގައި ވަރޫން އާއި ދެކުނުގެ ބަތަލާ ކީރްތީ ސުރޭޝް އާއި ވަމީގާ ގައްބީގެ އިތުރުން ޖެކީ ޝްރޮފް ހިމެނޭ ފިލްމުގެ ނަމަކީ "ބޭބީ ޖޯން" ކަމަށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނެފައި ވަނީ މިހާރު ފިލްމުގެ ޓީޒާއެއް ވެސް ކަޓްކޮށް، ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓުފިކޭޝަން (ސީބީއެފްސީ) ގެ އެޕްރޫވަލް ވެސް ހޯދާފައިވާ ކަމަށެވެ. އަދި މާދަމާ ފިލްމުގެ ޓީޒާ އާންމު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައިވެ އެެވެ.
"ބޭބީ ޖޯން" އަކީ އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ހަހާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ދެކުނުގެ ޑައިރެކްޓަރު ކާލީސް އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ އެޓްލީ ޑައިރެކްޓްކޮށް 2016 ގައި ގެނެސްދިން "ތެރީ" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ވަރޫންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ.