Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ހައްޖު ދަތުރުގެ އަގުހެޔޮ ކުރެވޭނެ: ޝަހީމު

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިން ހައްޖަށް ގެންދަން ނަގާ އަގު ކުޑަރެވޭނެކަމުގެ އުންމީދު އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރޭ "އަހާ" ގެ ނަމުގައި ފެށި ސިލްސިލާ ޕަކްބިލިކް ފޯރަމްގެ ފުރަތަމަ ފޯރަމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ހައްޖަށް ދާން ނަގާ އަގު ކުޑަކުރެވޭނެ ގޮތްތަކާ ގުޅޭ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖުގެ އަގު ހެޔޮ ކުރަން ކުރީ ސަރުކާރުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ބަދަލުވި ހިސާބުން ދެން އެ މިސްރާބަކަށް މަސައްކަތެއް ނުކުރެވޭ. އަލުން މިސްރާބަށް ގެނެސް މި މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ބަދަލުތަކެއް ފެންނަން ފަށާނެ."

ޝަހީމު ހައްޖުގެ އަގު ހެޔޮ ކުރުމަކީ "އެއް ދުވަހުން ދެ ދުވަހުން" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަށް ސިޔާސަތުތަކެއް ކަނޑައަޅައި، އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެ، ހައްޖު ކޯޕަރޭޝަނުން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ މި އަހަރުގެ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ މި ބަދަލަކީ ވެސް ހައްޖު ދަތުރަށް ކުރާ އަގު ހިފަހެއްޓުމަށް ބާރު އެޅުން ކަމަށެވެ. މީގެ ކުރިން އެކިއެކި ކުންފުނިތަކުން ތަފާތު އެކި އަގުތައް ނަގައިގެން މީހުން ހައްޖަށް ގެންގޮސްފައިވެ އެވެ.