ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ނަމަ ހުކުމް އިސްތިއުނާފު ނުކުރަން ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ނަޝީދުގެ މައްޗަށް ކުރި ހުކުމުގެ ފުރިހަމަ ރިޕޯޓް ކްރިމިނަލް ކޯޓުން އަދިވެސް ލިބިފައި ނުވާ ކަމަށާއި ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާ އިރު އެ ރިޕޯޓަކީ މުހިންމު އެއްޗެއް ކަމަށެވެ.
ނަޝީދުގެ މައްޗަށް ހުކުމް އައީ ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކަމަށް ވާއިރު އެ މައްސަލާގައި އެހެން ބައެއް ބޭފުޅުންގެ މައްޗަށް ކުރާ ޝަރީއަތް އަދިވެސް ކުރިއަށް ދާއިރު އެ މައްސަލަތައް ނިމޭ ގޮތެއްގެ މައްޗަށް ވެސް ނަޝީދުގެ ދިފާއުގައި ބޭނުންކުރެވޭނެތީ އެ ޝަރީއަތްތަކުގެ ނަތީޖާ އަށް ބެލުން އެއީ މައުނަވީ ދިފާއުއަކަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ނަަޝީދު ދެކެވަޑައިގަންނަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ހުކުމެއް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފަށް ހުށަނާޅައިފި ނަމަ އެ މައްސަލައެއް އިސްތިއުނާފަށް އަލުން ބަލައިގަންނާނީ އިސްތިއުނާފު ނުކުރެވުނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް އިސްތިއުނާފު މަރުހަލާގެ ކޯޓުގެ ފަނޑިޔާރުންނަށް ގަބޫލުކުރެއްވޭ ނަމަ
މައްސަލައެއް ނިންމާތާ 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭއިރު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ މައްސަލަ ނިމުނުގެ ގޮތުގައި ހުލާސާ ރިޕޯޓް ނަޝީދުގެ ގާނޫނީ ވަކީލުންނަށް މިހާރު ދީފައިވާ ކަމަށާއި އެހެންވެ އިސްތިއުނާފު ކުރުމަށް މިހާރު ހުރަހެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދަށު ކޯޓުގައި ކަން ހިނގާފައިވާ ގޮތާއި ދެކެވިފައިވާ ވާހަކަ އަކީ އިސްތިއުނާފު މަރުހަލާގައި މުހިންމު ކަންކަމަށް ވާއިރު މައްސަލަ ނިމުގެ ގޮތުގެ މުޅި ރިޕޯޓް ލިބުމުން ނޫނީ ދިފާއުގައި ރަނގަޅަށް މަސައްކަތް ކުރަން ދަތިވާނެ ކަމަށެވެ.
"އިސްތިއުނާފް ކުރުމަށް ތައްޔާރުކުރާ މައްސަލަ ބިނާވާނީ، ދަށު ކޯޓުގެ މަރުޙަލާގެ ޝަރީޢަތުގައި ދެކެވުނު އެންމެހައި ވާހަކަތަކާއި، ޝަރީޢަތުގެ އިޖުރާއަތާއި، ހުށަހެޅުނު ހެކިތަކާއި، ޤަރީނާތަކުގެ ސައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށްކަމަށްވާއިރު، އެރިޕޯޓު ލިބުމާއި، އެރިޕޯޓު ލިބުމަށްފަހު، އެރިޕޯޓު ދިރާސާކުރުމަށްޓަކައި އިސްތިއުނާފީ ނުކުތާތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވެއެވެ." ބަޔާނުގައިވެ އެވެ.
ނަޝީދު ދެކެވަޑައިގަންނަވާގޮތުގައި އެމަނިކުފާނުގެ މައްޗަށް ސާބިތުކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަ އިސްތިއުނާފްކުރުމަށް ބޭނުންވާ އެންމެ މުހިންމު ޑޮކިއުމަންޓަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ކަމަށާއި ކޮންމެވެސް ދުވަހަކުން ކޯޓުން ފުރިހަމަ ރިޕޯޓް ލިބިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންވެ "މައްސަލަ އިސްތިއުނާފް ކުރުމަށްވާންޖެހޭ ތައްޔާރީތައް ވުމަށް އެކަށީގެންވާ ވަގުތު ނުލިބި" މައްސަލަ އިސްތިއުނާފު ނުކުރުމަށް ރައީސް ނަޝީދު ނިންމެވީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ނަޝީދުގެ މައްޗަށް ކުރި ހުކުމް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަނާޅައިފި ނަމަ ދެން އިސްތިއުނާފުުގެ ފުރުސަތު ލިބިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާއިރު ޝަރީއަތުގެ މަޖިލީހެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ 49 އިންސައްތަ ތާއީދު ލިބިލައްވާފައިވާތީ، އެމަނިކުފާނަކީ ޓެރެރިސްޓެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.