Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

މި ސީޒަނަށް ފަހު ކްލޮޕް ލިވަޕޫލް ދޫކޮށްލަނީ

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމު ދޫކޮށްލަން ޔާގަން ކްލޮޕް ނިންމައިފި އެވެ.

ކްލޮޕް ،56، ލިވަޕޫލްއާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ކްލޮޕްގެ އިތުރުން އޭނާގެ ހުރިހާ އެސިސްޓެންޓުންނެއް ވެސް މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ވަނީ ނިންމާފަ އެވެ.

މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރަމުން ކްލޮޕް ބުނީ އޭނާގެ ނިންމުން މިދިޔަ ނޮވެމްބަރު މަހު ކްލަބާއި ހިއްސާކޮށްފައިވާ ކަމަށާއި މި ނިންމުމަކީ ގިނަ ބަޔަކަށް ސިހުން ގެނުވާނެ ނިންމުމެއްކަން އެނގޭ ކަމަށެވެ. މިއީ ވަރުބަލިކަން އިހުސާސްވާތީ ނިންމި ނިންމުމެއް ކަމަށާއި މުޅި ލިވަޕޫލް ދެކެ ވެސް އޭނާ ވަރަށް ލޯބިވާ ކަމަށް ކްލޮޕް ބުންޏެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެ ލިވަޕޫލުން ވަނީ އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ލީގު ކަޕް، ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަން ލިވަޕޫލުން ހުސް އަތާ ނިންމާލި ނަމަވެސް މި ސީޒަނުގައި އެޓީމަށް ހަތަރު ތަށްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތްއިރު އެޓީމު ދާދިފަހުން ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. ފައިނަލްގައި އަންނަ މަހުގެ 25 ގައި ލިވަޕޫލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.