Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ގަތުލްއާންމުގެ އަމަލުތައް ހުއްޓާލަން އިޒްރޭލަށް އަމުރުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ގަތުލްއާންމުގެ އަމަލުތަކަށް މަގުފަހިވާނެ ފަދަ ކަންކަން ހިނގިޔަ ނުދޭން ފިޔަވަޅުތައް އެޅުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް އަމުރުކޮށްފި އެވެ.

އައިސީޖޭ އިން މިފަދަ ވަގުތީ އަމުރެއް ނެރުނީ ގާޒާގައި އިޒްރޭލުން ގަތުލު އާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް އައިސީޖޭ އަށް ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގަ އެވެ.

އެ ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ގަތުލްއާންމުގެ އަމަލުތައް ހިނގިޔަ ނުދޭން ފިޔަވަޅުތައް އެޅުމާއެކު އެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރި ގޮތުގެ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގާފަ އެވެ. އަދި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް އިޒްރޭލަށް އަންގާފައިވީ ނަމަވެސް ހަމަލާތައް ހުއްޓާލަން އައިސީޖޭ އިން އަމުރުކޮށްފައެއް ނުވެ އެވެ.

އިޒްރޭލަކީ އައިސީޖޭގެ މެމްބަރު ގައުމެއް ކަމުން އެ ކޯޓުގެ ނިންމުންތަކަށް އެ ގައުމުން އިހްތިރާމް ކުރަން ޖެހެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

ހަނގުރާމަ އަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.