ކުރީގެ ރައީސް މުޙައްމަދް ނަޝީދުގެ މައްޗަށް ޓެރަރިޒަމް ގެ ކުށް ސާބިތުވި ކަމަށް ނިންމައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އެމަނިކުފާނުގެ ޕާޓީ އާއި ސަޕޯޓަރުންގެ އެންމެ ބޮޑު ރުޅިވެރިކަމެއް އަމާޒުވެފައި ވަނީ ސަރުކާރަށެވެ.
ނަޝީދުގެ މައްޗަށް ބޮޑު ހުކުމެއް ކުރީ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާގެ ދުވަސް ދުއްވާލަން ރައީސް އަބްދުﷲ ޔާމީން ރާއްވަވައިގެން ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ވެރިކަންކުރާ ޕާޓީގެ ބޭފުޅުން ވިދާޅުވަނީ، ޕްރޮސެކިއުޓަ ޖެނެރަލް ކުރައްވާ ދައުވާތަކުން ބަރީއަވުމަކީ ދައުވާ ރައްދުވާ މީހާ ކުރަން ޖެހޭ ކަމެއް ކަމެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރުއީ ދާއިރާގެ ކަމަކާ ސަރުކާރުން ނުބެހޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމެއް ކޮށް ޖަލަށް ލާފައިވާތީ ޔޫރަޕްގެ ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެމަނިކުފާނުގެ ޝަރީއަތް ހަލުވިކޮށް ގެންދިއުމާއި އެ ޝަރީއަތުގައި އިންސާފެއް ނެތުމުން، އެ މަނިކުފާނުގެ މައްޗަށް އިއްވީ ކުރިން ކަނޑައަޅާފައި އޮތް ހުކުމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ އދ. ގެ ސްޕެޝަލް ރެޕަޓުއަ ގެބްރިއެއްލާ ނައުލް ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ފެންނަމުން ދަނީ ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް ބުނެ ވާހަކަފުޅު ދައްކަވާތަނެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަންކަމަށް ބޭރުގެ އެކި ފަރާތްތަކުން ފާޑުކިޔަސް ކަންބޮޑުވާން ނުޖެހޭ ކަމަށާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ބޭރު މީހުންނާ ގުޅިގެން ކަންތައްތަކެއް ކުރާ ކަމަށެވެ.

"އިނގިރޭސިވިލާތުގައި ކިހިނެއްތޯ ޓެރަރިޒަމްގެ މައްސަލަތައް ނިންމަނީ؟ ފަނަރަ ސަތޭކަ މީހުން، 1،200 މީހުންގެ މައްސަލަ އެބަ ނިންމާލާ 24 ގަޑިއިރުގެ ތެރޭގައި ނޫނިއްޔާ 48 ގަޑިއިރުގެ ތެރޭގައި. އަޅުގަނޑުމެން ނުދަމޭ އެތާނގައި ހުރި ނިޒާމްތަކަށް ފާޑުކިޔާކަށް. އަދި އެތާނގެ ކޯޓު ރޫމްތަކަށް ވަންނާކަށް އަޅުގަނޑުމެން އިލްތިމާސް ނުކުރަމޭ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އާދަޔާ ހިލާފު އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސް ހުކުމް ކުރި މައްސަލާގައި ބޭރުގެ ގައުމުތަކުން އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ނަޝީދުގެ ޝަރީއަތް ދިޔައީ ރަނގަޅަށް ކަމަށް ނިންމިޔަސް އިދިކޮޅު ފަރާތްތަކުން ބުނަނީ ފާއިތުވި މަސްތަކުގައި ކަން ހިނގާފައިވާ ގޮތުން ސަރުކާރުގެ އެ ވާހަކަ ގަބޫލުނުކުރާ ކަމަށެވެ. ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ޑިސެމްބަރު މަހު ކޯޓުތަކުގެ ގާނޫނަށް ގެނައި ބަދަލާއި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަކީ ރޭވުމެއް ކަމަށް އެބޭފުޅުން ސިފަކުރައްވައެވެ. މިބަދަލުތަކަށް ފަހު ނަޝީދާއި އަނެއް ހަތަރު ބޭފުޅުންގެ މައްޗަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ކުރެއްވި ދައުވާ މިހާރުގެ ޕީޖީ މުހުތާޒް މުހުސިން އަނބުރާ ގެންދަވައި، ކުއްލި ގޮތަކަށް މާ ސީރިއަސް ދައުވާއެއް އުފުއްލެވުމުން އިދިކޮޅު ފަރާތްތަކުގެ ތުހުތަމަތު ތަކަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބިގެންދެއެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ކަމަށާއި އެކަން ސިޔާސީކުރާތީ ކަންބޮޑުވާ ކަމަށް ޕީޖީ އޮފީހުން އެންމެ ކުރިން ވެސް ވަނީ ބުނެފަ އެވެ.ނަމަވެސް އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިގެން މަސައްކަތްކުރަމުން ދިޔަ ޖޭޕީއާ މެދު މުހުތާޒު ގެންގުޅުއްވި "އިންޒާރުގެ" ބަސް މަގުން ވެސް އޭނާ ސަރުކާރު ކޮޅަށް ޖެހިފައިވާކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.އިދިކޮޅު ފަރާތްތަކަށް ރައްދުވާ ކަންކަމުގައި އެކަނި ބަސް ވިދާޅުވެ، ސަރުކާރާ ގުޅޭ އެފަދަ މައްސަލައެއްގައި އެއްޗެއް ވިދާޅުނުވުމަކީ ގާނޫނުއަސާސީގައި ބުނާ މުސްތަގިއްލުކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިގައި ނެތުން ކަމަށް ބެލެވިދާނެއެވެ.
ކޮންެމެ އަކަސް ސިޔާސީ ވިސްނުން އެއްފަރާތްކޮށްފައި ވާހަކަދައްކަވާ ބައެއް ވަކީލުން ވެސް ވިދާޅުވަނީ ގާޒީ ބަންދުކުރުމަކީ ވަރަށް ބޮޑު ގޯހެއް ނަމަވެސް ނަޝީދުގެ ޝަރީއަތް ގެންދިޔައީ އެމަނިކުފާނުގެ ހައްޤުތައް ގެއްލޭ ގޮތަށް ކަމަށެވެ. އެ ބޭފުޅުން އެހެން ވިދާޅުވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި، ދައުވާ އަށް ޖަވާބުދާރީ ވުމަށް ނަޝީދުގެ ވަކީލުންނަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވުމާއި، އަދި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ވެސް ފަނޑިޔާރުންގެ މަޖިލީހުން ނިންމެވުން ހިމެނެއެވެ.
ހެކިންގެ ހެކި ބަސް އަޑު ނާހާ އެ ހެކި ވަޒަން ކުރުމުގެ ބާރު ގާޒީންނަށް ލިބިގެން ނުވާ ކަމަށް ސްޕްރީމް ކޯޓުގެ ރޫލިންއަކުން(2011/SC-A/36 ) ވަނީ އަންގާފައެވެ. ނަމަވެސް ދާދި ފަހުން ބޭއްވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޝަރީއަތުގައި ނާޒިމްގެ ގާނޫނީ ވަކީލުންވަނީ ހެކިންގެ ހެކި ބަސް އަޑު ނާހާ އެ ހެކި ވަޒަން ކުރުމުގެ ބާރު ގާޒީންނަށް ލިބިގެން ނުވާ ކަމަށް ސްޕްރީމް ކޯޓުގެ ރޫލިންއަކުން އަނގާފައިވާ ކަމަށް ބުނެ އިއުތިރާޒުކޮށްފައެވެ. ނަމަވެސް ގާޒީންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ބާރީ ވިދާޅުވީ، "ބެންޗުން އެގޮތަށް ނިންމީ އެކަން އެނގި ތިބެގެން ކަމަށެވެ. "

މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް ނަޝީދަށް އަދަބު ދިނުމެއް ނޫނެވެ؛ އަދަބު ދިން ގޮތެވެ. ވަކި މީހަކަށް ވަކި ގޮތަކަށް އަމަލް ކުރުމެވެ.