Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ސިޓީ އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް

ޓޮޓެންހަމް 1-0 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސިޓީ އަށް މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ނޭތަން އަކޭ އެވެ. މި ގޯލު އަކޭ ކާމިޔާބު ކުރީ ޓޮޓެންހަމްގެ ގޯލްކީޕަރު ގިއޭމޯ ވިކާރިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީން މި މެޗުގައި ތަނަވަސްކުރިއިރު، މުޅި މެޗުގައި ވެސް ޓޮޓެންހަމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މި މެޗުގައި އަނިޔާގައި ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ޓޮޓެންހަމްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ވަނީ ކުޅެފަ އެވެ.

މިއީ ޓޮޓެންހަމްގެ އާ ދަނޑުގައި ކުޅެ ސިޓީން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ފަސްވަނަ ބުރުގައި ސިޓީން ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާ ރޭ ނަގާ ގުރުއަތުލުމުންނެވެ. ސިޓީ އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ޗެލްސީ އާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗު އެއްވަރުވުމުން އެސްޓަންވިލާގެ ދަނޑުގައި އިތުރު މެޗެއް އަދި ކުޅޭނެ އެވެ.