ތަހުގީގީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭނެ ނިޒާމެއް ޕީޖީ އޮފީހުން ގާއިމު ކޮށްފިއެވެ.
ޕީޖީ ހުސައިން ޝަމީމްގެ އަމިއްލަ ބްލޮގްގައި "މޯލްޑިވްސް: ލަގްޒަރީ ޕަބްލިކް ސަރވިސް"ގެ ނަމުގެ ދަށުން ލިޔެފައިވާ ލިޔުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޓުއަރިޒަމް ލަގްޒަރީ ބްރޭންޑަކަށްވާ ގޮތަށް، ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް ލަގްޒަރީ ބްރޭންޑަކަށް ނެހެދޭންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިދުމަތްތައް ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އޭނާގެ ބްލޮގްގައި ވިދާޅުވެފައިވަނީ، ޖިނާއީ މައްސަލައެއް ތަހުގީގު އިދާރާއަކަށް ހުށަހެޅުމުން، ތަހުގީގު އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަކަމަށެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮންނަ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަކީ ތަހުގީގީ އިދާރާތައް މަސައްކަތްކުރާގޮތް ބަލައި، ފާރަވެރިވުމުގެ ޒިންމާއެއް އޮތް މީހެއްކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ، ތަހުގީގީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމެއް މިއަދު ތައާރަފު ކޮށްފައިވާ ކަމަށެވެ.
"ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެއެވެ. ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެއެވެ. އެފޯމުގެ ގިނަ، ޢާންމު ބައިބައި ހުންނާނީ ފުރާފައެވެ. ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނީ ދެކަމެކެވެ. އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަޙްޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމާ މިދެކަމެވެ. އެލިޔުން ބޭނުންވަނީ، މައްސަލައެއް ހުށަހެޅުނުކަން ޔަޤީންކުރަންޖެހޭތީއެވެ." ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ އެ ފޯމު އޮންލައިންކޮށް ހުށަހެޅުމުން އޮފީހުގެ ނިޒާމުގެ ތެރެއަށް އެންޓްރީވާނީ އޮޓޮމެޓިކުން ކަމަށެވެ. އަދި އެމައްސަލައެއް ބެލުމާ ހަވާލުވެ ހުރި ޕްރޮސިކިއުޓަރަށް އެ ޝަކުވާ ފޯމު ވަގުތުން ލިބޭނެ ކަމަށާއ، އަދި ފޯމަށް ޖަވާބުދޭނެކަމަށް އަންދާޒާކުރާ ދުވަހެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ. ޝަކުވާ ފޯމަށް ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާވަގުތު، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެ ކަމަށާއި، އަދި މިވެނި ޕްރޮސިކިއުޓަރަކު، އޭނާ ހުށަހެޅި ޝަކުވާ ބަލަމުންދާކަމަށާއި، މިޖަވާބު ލިބޭނެ ކަމަށް އަންދާޒާ ކުރާ ދުވަސްވެސް މެސެޖުގައި އޮންނާނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ ޝަކުވާ ހުށަހަޅަންވެސް އަދި ޖަވާބު ހޯދަންވެސް އެއްވެސް ތަނަކަށް ދާން ނުޖެހޭނެ ކަމަށެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުއާމަލާތުތަކެއް، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެ ކަމަށެވެ.