ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދް ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެންޑްރައިވްގައި "ޕީޕީއެމް އިންގްލިޝް" ބޭނުން ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޓްވިޓަރގައި ޕެންޑްރައިވްގައި ހުރި ލިޔުންތަކަށް ހަޖޫ ޖަހަމުން އެބަދެ އެވެ.
ޓްވިޓަރގައި ދައުރުވަމުން ދާ ޕެންޑްރައިވްގައި ހުރި ލިޔުމެއްގެ ފޮޓޯ އިން ފެންނަ ގޮތުގައި އިނގިރޭސި ބަހުން 'ނެސެސަރީ' ގެ ސްޕެލިން ލިޔެފައި ވަނީ އެއްގައި 'nessasary' މި ގޮތަށެވެ.
މިއާ އެކު ޕެންޑްރައިވްގައި ހުރި ލިޔުންތަކަކީ ޕީޕީއެމް އަޑީގައި އޮވެގެން ހަދައިގެން އުޅޭ ފޭކް އެއްޗެއް ކަމަށް ބުނުމުގެ ފުރުސަތު ފާޑު ކިޔާ މީހުންނަށް އަނެއްކާވެސް ލިބިގެން ހިނގައްޖެއެވެ.

ޕެންޑްރައިވްގައި ހުރި ލިޔުންތައް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމާއި އެކު ހެން ގިނަބަޔަކު ދަނީ އެއީ އެއްވެސް ޙަޤީޤަތެއް ނެތް ލިޔުންތަކެއް ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.
'#ޕީޕީއެމްއިންގްލިޝް' އަކީ ޕީޕީއެމް ސަޕޯޓަރުންނަށް އިނގިރޭސި ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެމްޑީޕީގެ ސަޕޯޓަރުން ބޭނުން ކުރަން ފެށި ހޭޝްޓެގް އެކެވެ.
ސިޔާސީ ކަންކަން ހަލަބޮލިވާ ކޮންމެ ދަނޑިވަޅެއްގައި އެއްވެސް ޖެހިލުމެއް، ފިކުރެއް ނެތި ޝުއޫރު ފާޅު ކުރުމުގައި އުޅޭ އެމްޑީޕީ މެމްބަރުން ތައާރަފް ކުރި ހޭޝްޓެގް މި ވަނީ އަނެއްކާވެސް ވައިގައި ހިފައިފި އެވެ.