Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ޒަވީ މި ސީޒަނަށް ފަހު ބާސާ ދޫކޮށްލަނީ

ބާސެލޯނާގެ ކޯޗުގެ މަގާމު މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމާފައިވާކަން އެޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އިއުލާންކޮށްފި އެވެ.

ޒަވީ ،44، މިކަން އިއުލާން ކުރީ ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 5-3 އިން ބާސާ ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. އެ މެޗުން ބަލިވުމުން ބާސާ ލީގުގެ ތިންވަނައިގައި އޮތީ 44 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު އެއްވަނައިގައި 54 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގު ހޯދުން ބާސާ އަށް އުނދަގޫ ވެފައިވާއިރު ކަޕުން ވެސް އެ ކްލަބު ދާދިފަހުން ވަނީ ކަޓާފަ އެވެ. ޗެމްޕިއަންސް ލީގުގައި ބާސާ އަދި އޮތްއިރު މުބާރާތުގެ ގަދަ 16 ގައި އެ ކްލަބު ބައްދަލުކުރާނީ ނަޕޯލީއާ އެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ބުނީ ބާސާ އަށް ބަދަލެއް އަންނަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އަބަދުވެސް އިސްކަން ދޭނީ އޭނާ އަށް ވުރެ ބޮޑަށް ކްލަބަށް ކަމަށެވެ. އެގޮތުން މިއީ ކްލަބަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނަސް މި ނިންމުން ބަދަލު ނުކުރާނެ ކަމަށް ޒަވީ ބުންޏެވެ.

ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ކުޅެ ބާސާ އިން ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.