Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ

މޫސާ ސިރާޖު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ޕީއެންސީ ކަމަށާއި މައިނޯރިޓީ ލީޑަރަކީ މެންބަރު މޫސާ ސިރާޖު ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގައި ޕާޓީތައް ނިސްބަތްވާ ގޮތަށް އައިސްފައިވާ ބަދަލު އިއުލާނު ކޮށްފައެވެ.

އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީއަށް ގުޅިފައިވާއިރު އެ މެންބަރުންގެ ނަން މަޖިލީހުގައި ހާމަކޮށްފައިވެއެވެ. އެ މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުލްﷲ ޝަހީމް އަބްދުލްހަކީމް، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒްއެވެ.

ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ނަން އިއުލާނުކުރިއިރު އޭގެތެރޭގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުގެ ނަން ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް އެ ދެ މެންބަރުންވެސް ޕީއެންސީއަށް ސޮއިކޮށްފައިވެއެވެ.

ޕީއެންސީއާ ގުޅުނު މެންބަރުންނާއެކު މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ. އަދި މައިނޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕީޖީ ލީޑަރު މޫސާ ސިރާޖެވެ. ޕީއެންސީގައި 14 މެންބަރުން ތިބިއިރު އެމްޑީޕީގައި 44 މެންބަރުން، ޑިމޮކްރެޓްސް 13 މެންބަރުން، ޕީޕީއެމް 2 މެންބަރުން، އެމްޑީއޭ 2 މެންބަރުން، ޖުމްހޫރީ ޕާޓީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުންނެވެ.