އިންޑިއާގެ މަޝްހޫރު ރިހައެއް ކަމަށްވާ "ބަޓަ ޗިކެން" ގެ ހަގީގީ ރެސިޕީގެ މިލްކުވެރިކަމާ މެދު ކޯޅުންގަނޑެއް އުފެދި އެންމެ ފަހުން އެ މައްސަލާގައި ކޯޓަށް ހިނގައްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލާގައި ކޯޓަށް ދާން ނިންމީ އިންޑިއާގެ މަޝްހޫރު ރެސްޓޯރަންޓް ޗެއިނަކުން "ބަޓް ޗިކެން" އަކީ އެ މީހުންގެ ރެސިޕީ އަށް ކަމަށް ބުނެ އޮޅުވައިލަން މަސައްކަތް ކުރަމުންދާތީ އެވެ. އެގޮތުން "ދަރިއާގަންޖް" ރެސްޓޯރަންޓް ޗެއިނުން ބުނެފައި ވަނީ އެއީ މީހުންގެ އަމިއްލަ ރެސިޕީއެއް ކަމަށެވެ.
ނަމަވެސް އެއީ ދޮގު ދައުވާއެއް ކަމަށް ބުނެ މައްސަލަ ކޯޓަށް ވެއްދީ މަޝްހޫރު އެހެން ރެސްޓޯރަންޓް ޗެއިނެއް ކަމަށްވާ 1947 ގައި ހުޅުވި "މޯޓީ މަހަލް" ރެސްޓޯރަންޓުންނެވެ. އެ ވިޔަފާރި ހިންގާ އާއިލާ އިން ބުނެފައި ވަނީ "ބަޓަ ޗިކެން" އަކީ އެ މީހުންގެ އީޖާދެއް ކަމަށާއި އެ ރިހަ އަކީ އެ އާއިލާގެ ކުރީގެ ކައްކާއިންތަކެއް ކަމަށްވާ ކުންދަން ލާލު ގުޖްރާލް އާއި ކުންދަން ލާލު ޖައްގީ ވުޖޫދަށް ގެނައި ރެސިޕީއެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ "ބަޓަ ޗިކެން" ގެ ވިކިޕީޑިއާ ޕޭޖްގައި ވެސް އެ ރިހައިގެ ކްރެޑިޓް އެ ދެ މީހުންނަށް ދީފައިވާކަމެވެ.

އެހެންވެ ގުޖްރާލް އާއިލާ އިން ކޯޓަށް މައްސަލަ ވެއްދީ އެ އާއިލާގެ ރެސިޕީއެއް އެހެން ބަޔަކު ނުހައްގުން އަމިއްލަ ކުރަން މަސައްކަތްކޮށްފައިވާތީ އެކަމުން ލިބުނު ގެއްލުމުށް ބަދަލު ވެސް ނަގައިދޭން އެދި އެވެ. އެގޮތުން ބަދަލަށް 240،000 ޑޮލަރު "ދަރިއާގަންޖް" އިން ނަގައިދޭން އެދިފައިވެ އެވެ.
"ބަޓަ ޗިކެން" އަކީ މައިގަނޑަކަށް ޓޮމާޓޯ އާއި ބަޓަރު އަދި ކުކުޅު ބޭނުންކޮށްގެން އޮލަކޮށް ކައްކާ ރިހައެކެވެ. މިއީ އިންޑިއާގެ ކެއުންތަކުގެ ތެރޭގައި ހިމެނޭ ވަރަށް މަޝްހޫރު އަދި ވަރަށް މަގުބޫލު ކެއުމެކެވެ. ނަމަވެސް އެކި މީހުން އެކި ގޮތްގޮތަށް "ބަޓަ ޗިކެން" ތައްޔާރުކުރެ އެވެ.