ރާއްޖޭގެ ރިޒާވު މިއަދު "ހުލިވަމުން" ދާކަމަށާއި، އެމައްސަލައަކީ "ޅެމަކުން ރައިވަރަކުން ހައްލު ހޯދެން އޮތް ކަމެއް ނޫން" ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ކޮށްގެންނަމަވެސް، ދައުލަތުގެ އެކި މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކަކީ ގާބިލުބައެއްކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 22 މިނިސްޓަރުން ތިބިކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ ބަލާއިރު ރާއްޖޭގައި ވަޒީރުންގެ އަދަދު ގިނަކަމަށެވެ. ސަރުކާރަށް ދެ މަސްވީއިރު ވަޒީރުންގެ ފެންވަރުގައި 45 ބޭފުޅުން، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 91 ބޭފުޅުން، ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 163 ބޭފުޅުން ތިބިކަން ސަލީމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި ބޭފުޅުންގެ މުސާރައަށް މަހަކު 13 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. މިނިސްޓްރީތައް ގިނަވުމުގެ މާނައަކީ މަސައްކަތުގެ ސްޕީޑް އަވަސްވުން ނޫންކަމަށާއި އެހެންނަމަވެސް އޭގެ މާނައަކީ ދަރަނިބޮޑުގެ ހަރަދު އިތުރުވެ މަތިބަރުވުން ކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރިޒާވް ރަތް ރޮނގު ހުރަސްކޮށްފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ރިޒާވްގައި ހުންނަންޖެހޭ ވަރަށް ޑޮލަރު ނެތްކަމަށާއި ރިޒާވް ހުލިވަމުންދާ ކަމަށެވެ.
"މި ދެންނެވި މައްސަލައަކީ ޅެމަކުން ރައިވަރަކުން ހައްލު ހޯދެން އޮތް ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނެ އަޅުގަނޑުމެންގެ ޚަރަދުތަކަށް ޒިންމާ ވާން." ސަލީމް ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދު ބޮޑުވެ މަތިބަރުވެފައިވާ ވާހަކަ ސަލީމް ފާހަގަކުރެއްވިއިރު ސަރުކާރުގެ ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކުރުން އިތުރުވެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.