ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހާނެކަން މަޖިލުގެ ރިޔާސަތުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރި ރިޕޯޓް މަޖިލީހުގައި އިއްވާފައެވެ. އޭގެފަހުން މަޖިލީހުގައި އެ ރިޕޯޓާމެދު ބަހުސް ކޮށްފައިވެއެވެ.
ބަހުސްގައި އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކި ބޭފުޅުންގެ ވިސްނުންހުރީ ހުރިހާ ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެހެންނަމަވެސް ޕީޕީއެމް، ޕީއެންސީ، ޖޭޕީ އަދި އެމްޑީއޭގެ މެންބަރުންވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާ ވާހަކަ ދައްކަވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ލަފާ ދީފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްފަހަރާ ވޯޓަށް އެހުމުގެ ބަދަލުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.