Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޑިމޮކްރަސީގެ ރިވެތި ހަމައަކީ ވަޒީރުންނަށް ރުހުން ދިނުން

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް- ފޮޓޯ: ރައީސްއޮފީސް

ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ވަޒީރުންނަށް ރުހުން ދިނުން ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް، އެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ވޯޓަށް އެހެން މިއަދު 1:30 ގައި ކުރިއަށްދާނެއެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމާ ދެކޮޅުކަން ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން ކަމަށެވެ.

"މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން." ނައިބުރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ލަފާ ދީފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްފަހަރާ ވޯޓަށް އެހުމުގެ ބަދަލުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.