Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ހަތަރު ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕާޓީތައް ބެހިފައިވާގޮތުން އެމްޑީޕީގައި 44 މެންބަރުން، ޑިމޮކްރެޓްސް 13 މެންބަރުން ތިބެއެވެ. އަދި ޕީއެންސީގައި 14 މެންބަރުން، ޕީޕީއެމް 2 މެންބަރުން، އެމްޑީއޭ 2 މެންބަރުން، ޖުމްހޫރީ ޕާޓީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުން ތިބެއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ފިޔަވާ ދެންތިބި ޕާޓީތަކުން ގޮވާލާފައިވަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ލަފާ ދީފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްފަހަރާ ވޯޓަށް އެހުމުގެ ބަދަލުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ.