Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ސަރުކާރު މެންބަރުން މަޖިލިސް ޖަލްސާ ހުއްޓުވައިފި

ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމަށް ވަނުމަށްފަހު، މަޖިލީހުގެ ތަޅުމަށް ވަދެވެން ހުރި ދޮރުތައް "ތަޅުލައިފި"އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާއިރު އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ.

ވަޒީރުންނަށް ރުހުން އޮތްތޯ ވޯޓަށް އެހުން މިއަދު 01:30 ގައި ތާވަލުކޮށްފައި އޮތްނަމަވެސް އެ ވަގުތަށް ޖަލްސާ ފެށިފައެއް ނުވެއެވެ. އެ ވަގުތަށް މަޖިލީހުގެ ޖަލްސާ ފެށިފައިނުވަނީ ސަރުކާރު ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވަނުމަށްފަހު އިތުރު މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ގޮތަށް ވަނީ ތަޅުލާފައެވެ.

މީގެއިތުރުން ރިޔާސަތު މޭޒުގައި ބައެއް މެންބަރުން ތިއްބެވިއިރު، މެންބަރުން ވޯޓުލުމަށް ބޭނުންކުރައްވް ކާޑުކޮޅުތައް ވެސް ވަނީ ނަގާފައެވެ. މިކަމާ ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ބާއްވަންޖެހޭ ޖަލްސާ ވަނީ ކުރިއަށް ނުދެވި ހުއްޓިފައެވެ. އަދި ސަރުކާރަށް ނިސްބަތްވާ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އަންނަނީ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުވެސް ކުރަމުންނެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާއިރު އެމްޑީޕީން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ. ޑިމޮކްރެޓްސްއިން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.