Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ރުހުން ނުދިނަސް ވަޒީރުކަމަށް އައްޔަނު ކުރެވޭނެ

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: ޕީޕީއެމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ނަމަވެސް، ހަމަ އެ ބޭފުޅުން ވަޒީރުކަމަށް އަލުން އައްޔަނު ކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ނިންމިނަމަވެސް، ވޯޓަށް އަހަންވީއިރު ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހޭގޮތް ނުވިއެވެ. މަޖިލީހުގެ ތަޅުމުގައި ސަރުކާރު މެންބަރުން އިހުތިޖާޖު ކުރިއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެކި ބޭފުޅުން އަދި ސަރުކާރަށް ތާއީދުކުރާ އެކި ބޭފުޅުން އައީ މަޖިލިސް ބޭރުގައި އިހުތިޖާޖު ކުރަމުންނެވެ.

އެތަނުގައި މީޑިއާއާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ވަރަށް ޒިންމާދާރުކަންކުޑަކޮށް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިންނަމަވެސް ހަމަ އެ ބޭފުޅުން އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަން ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް މި މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް ދެން އިންތިހާބުވާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުން ހޯދާނެ ކަމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީން ނިންމާފައިވަޏީ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެއީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕާޓީތައް ބެހިފައިވާގޮތުން އެމްޑީޕީގައި 44 މެންބަރުން، ޑިމޮކްރެޓްސް 13 މެންބަރުން ތިބެއެވެ. އަދި ޕީއެންސީގައި 14 މެންބަރުން، ޕީޕީއެމް 2 މެންބަރުން، އެމްޑީއޭ 2 މެންބަރުން، ޖުމްހޫރީ ޕާޓީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުން ތިބެއެވެ.