Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލްގެ ކިޔަވާ ލޯނުގެ އިންޓްރެސްޓް ކުޑަކޮށްފި

ބީއެމްއެލް އިން ތައުލީމު ހާސިލު ކުރާ ކުދިންނަށް ހާއްސަކޮށްދޭ "ކިޔަވާ ލޯނު"ގެ އިންޓްރެސްޓް ރޭޓު 2.5 ޕަސެންޓަށް ކުޑަކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓަށް ދަށްކުރުމަށް ނިންމާފައިވާ ކަމަށާއި މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓުން ކަމަށެވެ.

މި ބަދަލަކީ ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަސެންޓާއި ހަމަޔަށް ފައިނޭންސް ލިބޭ ގޮތަށް ގެނެވުނު ބަދަލެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ފައިނޭންސިން ރޭޓަށް މި ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓް ދަށްވެގެން ދިޔުމަކީ ލިބޭ އުފަލެއް ކަމަށާއި ފައިނޭންސިން ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ ކަމަށެވެ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ތައުލީމު ހާސިލް ކުރެވޭނެ އެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެ އެވެ.