Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

އިބްރާހީމް ބޮލީވުޑަށް ދޫކޮށްލަން ތައްޔާރުވެއްޖެ

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑަށް ތައާރަފު ކުރަން އުޅޭ ފިލްމުގެ މަސައްކަތް މިހާރު އޮތީ ނިމިފައި ކަމަށާއި ވަރަށް އަވަހަށް އެ ގެނެސްދޭނެ ކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރް ބުނެފި އެެވެ.

އޭނަ މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި އެ ފިލްމާ ބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް، ވަނީ އޭގައި ފާހަގަކޮށްފައި ހުރީ ކޮން ފިލްމެއްގެ ވާހަކަތޯ ބެލުންތެރިން ދިމާކުރުމަށް އެދިފައިވެ އެވެ. އެގޮތުން ޕޯސްޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ލެގަސީއެއް ދިރުވަން ނުކުންނަ އާ އެކްޓަރެއްގެ ފިލްމެއް ކަމަށާއި މީގައި ދާދި ފަހުން ރިލީޒްކުރި ދެކުނުގެ ވަރުގަދަ ފިލްމެއްގައި ހިއްސާވި އެކްޓަރަކާއި ވަރަށް މޮޅު ބަތަލާއެއް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ މިއީ ކޮން ނަމެއް ކިޔާ ފިލްމެއްތޯ އާއި ކޮން ބަޔަކު އުޅޭ ފިލްމެއްތޯ ދިމާކުރާ ބަޔަކަށް، ފިލްމު ދައްކައިލަން ދައުވަތު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށް އެ ފިލްމަކީ އިބްރާހީމް ތައާރަފުކުރަން އުޅޭ ވަތަނީ ފިލްމު "ސަރްމީން" ކަމަށާއި އޭގެ ޑައިރެކްޓަރަކީ ކެޔޯޒް އިރާނީ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބުނާ ދެކުނު އެކްޓަރަކީ މިދިޔަ މަހު ރިލީޒްކުރި ޕްރަބާސްގެ "ސަލާރް" ގެ ރޯލެއް ކުޅުނު ޕްރިތުވީރާޖް ސުކްމަރަން ކަމަށާއި މޮޅު ބަތަލާ އަކީ ކާޖޮލް ކަމަށް ބުނެފައިވެ އެވެ،

"ސަރްޒަމީން" ގެ މަސައްކަތް ނިންމީ މިދިޔަ އަހަރު އެވެ. އެކަމަކު މި ފިލްމާ އެއްވެސް މައުލޫމާތެއް އެ ޕްރޮޑިއުސްކުރި ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކަރަން މިއަދު ބުނީ ވަރަށް އަވަހަށް ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ އިބްރާހީމް، 22، އަކީ ނުފޫޒު ފިލްމީ އާއިލާއަކަށް ނިސްބަތްވާ ޒުވާނެއް ކަމެވެ. އޭނަގެ ބައްޕަ ސައިފާއި މަންމަ އަމްރިތާ ސިންގް އާއި އާއި މާމަ ޝަރުމީލާ ޓެގޯރްގެ އިތުރުން އެއްބަނޑު އެއްބަފާ ދައްތަ ސާރާ އަލީ ޚާނަކީ ވެސް ފިލްމީ ތަރިންނެވެ. އެކްޓަރެއްގެ ގޮތުގައި އިބްރާހީމް ބޮލީވުޑް ދަތުރު ފަށައިގަންނަން ތައްޔާރުވާ އިރު، މިދިޔަ އަހަރު ކަރަން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

އޭނަ މިހާރު އަންނަނީ ދަރުމާގެ އިތުރު ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ހުޝީ ކަޕޫރާ އެކީ ކުޅޭ، އާ ޑައިރެކްޓަރު ޝައުނާ ގޯތަމްގެ ރޮމޭންޓިކް ކޮމެޑީއެކެވެ.