Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

އެންމެ ބޮޑު ކްރޫޒް ލައިނާ ދަތުރުތަކަށް ނިކުމެއްޖެ

ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް "އައިކަން އޮފް ދަ ސީސް" ގެ ދަތުރުތައް ފަށައިފި އެވެ.

މީގެ ފުރަތަމަ ރަސްމީ ދަތުރު އިއްޔެ ފެށީ އެމެރިކާގެ މަޔާމީންނެވެ. ކުލަގަދަ ހަފުލާ އެކީ ފެށި އެ ދަތުރުގައި ކެރީބިއަން ސަރަހައްދުގައި ހަތް ދުވަހުގެ ދަތުރެއް ކުރަން ހަމަޖެހިފައިވެ އެވެ. "އައިކަން އޮފް ދަ ސީސް" ޓެސްޓް ދަތުރު ބޭއްވީ މިދިޔަ އަހަރުގެ ޖޫން 22 ގަ އެވެ.

މި އުޅަނދު ބަނދެފައި ފިންލޭންޑްގަ އެވެ. ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ 20 ޑެކްގެ މި އުޅަނދުގެ ދިގުމިނަކީ 365 މީޓަރު (1،200 ފޫޓް) އެވެ. "އައިކަން އޮފް ދަ ސީސް" އަކީ 5،610 ޕެސެންޖަރުންނާއި 2،350 ކްރޫއިންގެ ޖާގައިގެ އެއްޗެކެވެ. އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓަކުން އާންމު ގޮތެއްގައި ލިބޭނެ ހުރިހާ ހިދުމަތްތަތަކެއް ފޯރުކޮށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އުޅަނދަކީ ޒަމާނީ ޓެކްނޮލޮޖީ ވެސް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ އެއްޗެކެވެ.

"އައިކަން އޮފް ދަ ސީސް" އާ ބެހޭ ގޮތުން ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް މައިކަލް ބޭލީ ވިދާޅުވެފައި ވަނީ މިއީ ކްރޫޒް ދަތުރުކުރާ މީހުންނަށް މުޅިން އާ ތަޖުރިބާއެއް ގެނެސްދޭނެ އެއްޗެއް ކަމަށެވެ.

"އެންމެ މުހިއްމި ބޭނުމަކީ ވީހާ ވެސް ހިތްގައިމު ޗުއްޓީއަކަށް މަގުފަހިކޮށް ދިނުން." ދެ ބިލިއަން ޑޮލަރުގެ އުޅަނދާ ބެހޭ ގޮތުން މައިކަލް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު އޭގެ ފުރަތަމަ ރަސްމީ ދަތުރު ފެށި އިރު، އޮތީ ދުރާލައި އެޑްވާންސް ބުކިންސް އަށް ވެސް ހުޅުވާލައިފަ އެވެ. އަދި ރެކޯޑް އަދަދަކަށް ބުކިން ވެސް ހަދާފައިވާ ކަމަށް ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލް އިން ބުނެފައި އެވެ.

"އައިކަން އޮފް ދަ ސީސް" އިން ދަތުރުތައް ރަސްމީކޮށް ފަށައި ގަތް އިރު، ދެން ވެސް އެންމެ ބިޔަ ކްރޫޒް ޝިޕްގެ ރެކޯޑް އޮތީ ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ އުޅަނދަކަށެވެ. އެއީ18 ޑެކްގެ 1،188 ފޫޓްގެ " "ވޮންޑަ އޮފް ދަ ސީސް" އެވެ.