Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ފިލްމުފެއާ އެވޯޑްސް: ވިދައިލީ ރަންބީރާއި އާލިއާ

ރޭ ބޭއްވި 69 ވަނަ ފިލްމުފެއާ އެވޯޑްސްގައި ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ވިދާލައިފި އެވެ.

މި ދެ ތަރިން ވަނީ އެންމެ މޮޅު ބަތަލާއި ބަތަލުގެ އެވޯޑް ހޯދައިފަ އެވެ.

ރަންބީރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އެކްޝަން ޑްރާމާ "އެނިމަލް" ގައި ކުޅުނު ވަރުގަދަ ރޯލުންނެވެ. އާލިއާ އަށް މޮޅު ބަތަލާގެ އެވޯޑް ލިބުނީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ކުޅުނު ރޯލުންނެވެ.

މި އަހަރަކީ އާލިއާ ޖެހިޖެހިގެން ދެވަނަ ފަހަރަށް މޮޅު ބަތަލާގެ އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނަ އަށް އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އިންނެވެ. އެ ފިލްމުން އާލިއާ އަށް މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ރަންބީރާއި އާލިއާ މި އަހަރުގެ ފިލްމުފެއާ އެވޯޑްސް އިން މޮޅު ބަތަލާއި މޮޅު ބަތަލާގެ އެވޯޑް ގެއަށް ގެންދިޔަ އިރު، ދެ ތަރިން އެކީގައި ކުޅެން މިހާރު އޮތީ ދެވަނަ ފިލްމަކަށް ސޮއި ވެސް ކޮށްފަ އެވެ. އެއީ އަންނަ އަހަރު ބަންސާލީ ގެނެސްދޭ އަދި ކާސްޓްގައި ވިކީ ކޯޝަލް ވެސް ހިމެނޭ "ލަވް އެންޑް ވޯ" އެވެ. ރަންބީރާއި އާލިއާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ.

ފިލްމުފެއާގެ އުސްއަލިތައް:

* މޮޅު ފިލްމު: ޓްވެލްތު ފެއިލް
* މޮޅު ޑައިރެކްޓަރު: ވިދޫ ވިނޯދް ޗޯޕްޅާ (ޓްވެލްތު ފެއިލް)
* މޮޅު ފިލްމު ކްރިޓިކް: ޖޯރަމް
* މޮޅު އެކްޓަރު ކްރިޓިކް: ވިކްރާންތު މަސީ (ޓްވެލްތު ފެއިލް)
* މޮޅު ބަތަލާ ކްރިޓިކް: ރާނީ މުކަރްޖީ (މިސިޒް ޗެޓަޖީ ވާސަސް ނޯވޭ)، ޝެފާލީ ޝާހް (ތުރީ އޮފް އަސް)
* މޮޅު ސަޕޯޓިން އެކްޓަރު: ވިކީ (ޑަންކީ)
* މޮޅު ސަޕޯޓިން ބަތަލާ: ޝަބާނާ އާޒްމީ (ރޮކީ އޯރް ރާނީ)
* މޮޅު ވާހަކަ: އޯއެމްޖީ، ޖޯރަމް
* މޮޅު ސްކްރީންޕްލޭ: ޓްވެލްތު ފެއިލް
* މޮޅު ޑައިލޮގް: ރޮކީ އޯރް ރާނީ
* މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: ބުޕިންދަރު ބައްބަލް (އަރުޖަން ވެއިލީ-އެނިމަލް)
* މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝިލްޕާ ރާއޯ (ބޭޝަރަމް ރަންގް.ޕަތާން)
* މޮޅު ބެކްސްކޯ: އެނިމަލް
* މޮޅު ކޮސްޓިއުމް: ސޭމް ބަހާދޫރް
* މޮޅު ސިނަމަޓޯގްރަފީ: ތުރީ އޮފް އަސް
* މޮޅު އެޑިޓިން: ޓްވެލްތު ފެއިލް
* މޮޅު އެކްޝަން: ޖަވާން
* މޮޅު ވީއެފްއެކްސް: ޖަވާން
* މޮޅު ނެށުން: ގަނޭޝް އަޗާރިއާ (ވަޓް ޖުމްކާ؟-ރޮކީ އޯރް ރާނީ)
* މޮޅު އާ ޑައިރެކްޓަރު: ތަރޫން ދުޖޭހާ (ދަކް ދަކް)
* މޮޅު އާ އެކްޓަރު: އަދިތިޔާ ރާވަލް (ފަރާޒް)
* މޮޅު އާ ބަތަލާ: އަލިޒޭ އަގްނިހޯތުރީ (ފަރޭ)

އިންޑިއާގެ އޮސްކާގެ ގޮތުގައި ސިފަކުރާ ފިލްމުފެއާ އެވޯޑްސްގެ މި އަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ޑޭވިޑް ދަވަންއަށެވެ. އޭނަ އަކީ އެކްޓަރު ވަރޫން ދަވަންގެ ބައްޕަ އެވެ.