މާލޭގެ އާ މޭޔަރު އާދަމް އާޒިމް މިއަދު އިސްލާމިކް މިނިސްޓްރީގެ ވެރިންނާ ބައްދަލު ކުރައްވައިފިި އެވެ.
މިކަމާ ބެހޭ ގޮތުން އެ މިނިސްޓްރީން ބުނީ އެތަނުގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލޭގެ މިސްކިތްތަކާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ކައުންސިލުން މިސްކިތްތައް މެނޭޖްކުރުމާއި ދެ ފަރާތް ގުޅިގެން މިސްކިތްތަކާ ގުޅޭ ކަންކަން ކުރިއަށް ގެންދަން މަޝްވަރާކޮށްފައިވެ އެވެ.
މީގެ އިތުރުން މިނިސްޓްރީ އާއި ކައުންސިލުން މިސްކިތްތަކަށް ޒިޔާރަތްކޮށް މިސްކިތްތަކުގެ މިހާރުގެ ހާލަތު ވަޒަން ކުރަން ނިންމާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ރޯދަ މަހަށް މާލޭގެ މިސްކިިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވަން މިހާރު މަސައްކަތް ކުރެވެމުން އަންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ބައްދަލުވުމުގައި މޭޔަރު އާޒިމް ވަނީ ސީދާ ކައުންސިލުން މާލޭގެ މިސްކިތްތައް ބެލެހެއްޓުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ވެސް ހިއްސާކުރައްވައިފަ އެވެ.
ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.