ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ނިންމައިފިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް، އޭޖެންސީން ވަނީ މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޤާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓް ކުރުމުގައި، އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައިވެއެވެ.
ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނިންމާފައިވަނީ ލ. އަތޮޅުގައި، ކ. ކާށިދޫ އަދި ނ. ވެލިދޫއެވެ.
މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުން އެއް ސަރަހައްދަކީ ލ. އަތޮޅަށްވާއިރު އެ އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީން ވަނީ މި މަހުގެ 24 އިން 28 އަށް އެ އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށްފައެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށްފައިވެސް ވެއެވެ.
މި ރަށްތަކަށް ކުރާ ދަތުރަށް ފަހު ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށް ހޯމް މިނިސްޓްރީން މައުލުމާތުދީފައިވެއެވެ. މިދިރާސާ ދަތުރުގައި އެން.ޑީ.އޭގެ ސީ.އީ.އޯ އިމާދް ސާލިހް އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.