Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

19 ވަޒީރަކަށް ރުހުން ދީފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 19 މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އަހާފައެވެ. 19 ވަޒީރަކަށް ރުހުން ދިންއިރު 3 ވަޒީރަކަށް ރުހުން ނުދޭން މަޖިލީހުން ވަނީ ނިންމާފައެވެ. މަޖިލީހުން ރުހުން ނުދިން ވަޒީރުންނަކީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު އެވެ.

މަޖިލީހުން ރުހުން ދީފައިވާ މިނިސްޓަރުން، އަދި ލިބިފައިވާ ވޯޓުގެ އަދަދު:

1- މިނިސްޓަރ އޮފް ޑިފެންސް، މުހައްމަދު ޣައްސާން މައުމޫން ؛ ފެންނަކަމަށް 71 މެންބަރުން
2- މިނިސްޓަރ އޮފް ފޮރިން، އެފެއާޒް މޫސާ ޒަމީރު ؛ ފެންނަކަމަށް 70 މެންބަރުން
3- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހްސާން ؛ ފެންނަކަމަށް 68 މެންބަރުން، ނުފެންނަކަމަށް 1 މެންބަރަކު
4- މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުހައްމަދު ޝަފީޤް ؛ ފެންނަކަމަށް 71 މެންބަރުން
5- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ އިސްމާއީލް ޝަފީއު ؛ ފެންނަކަމަށް 55 މެންބަރުން، ނުފެންނަކަމަށް 9 މެންބަރުން، ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު
6- މިނިސްޓަރ އޮފް ހެލްތް، ޑރ އަބްދުﷲ ޚަލީލް ؛ ފެންނަކަމަށް 69 މެންބަރުން، ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު
7- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ؛ ފެންނަކަމަށް 37 މެންބަރުން، ނުފެންނަކަމަށް 32 މެންބަރުން
8- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހްމަދު ޝިޔާމް ؛ ފެންނަކަމަށް 69 މެންބަރުން
9- މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހީމް ފައިސަލް ؛ ފެންނަކަމަށް 57 މެންބަރުން، ނުފެންނަކަމަށް 2 މެންބަރުން، ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު
10- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ އާއިޝަތު ޝިހާމް ؛ ފެންނަކަމަށް 69 މެންބަރުން
11- މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު ؛ ފެންނަކަމަށް 70 މެންބަރުން
12- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތާރިޤު އިބްރާހީމް ؛ ފެންނަކަމަށް 69 މެންބަރުން
13- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން ؛ ފެންނަކަމަށް 67 މެންބަރުން، ނުފެންނަކަމަށް 1 މެންބަރަކު
14- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަސީރު އިބްރާހީމް ؛ ފެންނަކަމަށް 63 މެންބަރުން
15- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ މަރްޔަމް މާރިޔާ ؛ ފެންނަކަމަށް 66 މެންބަރުން، ނުފެންނަކަމަށް 1 މެންބަރަކު
16- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ އަބްދުﷲ މުއްޠަލިބް ؛ ފެންނަކަމަށް 70 މެންބަރުން
17- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ އާއިޝަތު ރަމީލާ ؛ ފެންނަކަމަށް 70 މެންބަރުން
18- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަހީދު ؛ ފެންނަކަމަށް 68 މެންބަރުން
19- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު ؛ ފެންނަކަމަށް 70 މެންބަރުން

ވަޒީރުންގެ މަޖިލީހުގެ 19 ވަޒީރަކަށް ރުހުންދީ 3 ވަޒީރަކަށް މަޖިލީހުން ރުހުން ނުދިންއިރު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އިއްޔަ ވިދާޅުވީ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ނަމަވެސް، ހަމަ އެ ބޭފުޅުން ވަޒީރުކަމަށް އަލުން އައްޔަނު ކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާކަމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު ކުރިއަށް ގެންދެވިފައިވާއިރު، އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން އިއްޔަ އެއްވެސް ވަރަކަށް ފުރުސަތު ދީފައެއްނުވެއެވެ. އަދި އެކަމުގެ ތެރެއިން މަޖިލީހުގެ ތެރޭގައި އިއްޔަ ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިނގާފައިވެއެވެ.