ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފި އެވެ.
އެ ޕާޓީން އެ މަސައްކަތް ކުރަން އުޅެނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެންނެވެ. ރައީސް އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސޮއި ހޯދަމުން އަންނަ މިހާތަނަށް 34 މެމްބަރަކު ސޮއިކޮށްފައިވެ އެވެ. ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 މެންބަރުންގެ ސޮއެވެ.
ރައީސް އަޒުލު ކުރަން ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި އެގޮތަށް ފާސްވީ ޙާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޢަޒުލުކުރުމަށް އެމްޑީޕީން ސޮއި ހަމަކުރި އިރު، މަޖިލީހުގެ އާންމު ކޮމިޓީން އޮތީ ރައީސާއި ނައިބު ރައީސް އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާ އަށް އާންމު ކޮމިޓީން ގެނެސްފައިވާ ބަދަލާ ގުޅިގެން މަޖިލީހުގެ އަޣުލަބިއްޔަތު ގުނާ ގޮތަށް ބަދަލު އަންނާނެއެވެ. އެހެންވެ މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.
އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސާއި ނައިބު އަޒުލުކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.
ރައީސް އަޒުލުކުރަން ގަރާރު މަޖިލީހަށް ހުށަހަޅާތާ ދެ ދުވަސްތެރޭގައި އެ ބޭފުޅުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން ދެ ހަފުތާ ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޤަވާއިދުގައި ކަނޑައަޅާފައިވެ އެވެ.
ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވީ މިދިޔަ ނޮވެމްބަރު 17 ގަ އެވެ.