އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ބިރުވެރި ފިލްމު "ކަންބަޅި" ގެ މައި ޕޯސްޓަރު މިއަދު އާންމުކޮށްފި އެވެ.
މި ޕޯސްޓަރުގައި ހިމެނެނީ ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާތައް ކުޅުނު ތަރިންނެވެ. އޭގެ ތެރޭގައި ނުޒުހަތު ޝުއައިބާއި ޝަރަފު އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި އިފްނާޒް ފިރާގުގެ އިތުރުން ފިލްމުގައި ވަރަށް މުހިއްމު ރޯލެއް ކުޅެފައިވާ ކުޑަކުއްޖާ ސާރާ ހިމެނެ އެވެ.
އަންނަ މަހުގެ 1 ގައި އޮލިމްޕަހަށް ގެންނަ "ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އޭނަ އާއި ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ އިފްނާޒް ގުޅިގެން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގް، ތާތި އާދަމް، އަލީ ނަދީހު އަދި މުހައްމަދު އިފްޝާން ހިމެނެ އެވެ.
އައި ފިލްމްސްގެ "ކަންބަޅި" އަކީ ކީ މި އަހަރު އޮލިމްޕަހަށް އަންނަ ދެވަނަ ފިލްމެވެ. މިހާރު ސިނަމާގައި އޮތީ މި މަހުގެ 6 އިން ފެށިގެން ދައްކަމުން އަންނަ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.
އިއްލެ މިދިޔަ އަހަރު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ ކްރައިމް ތުރިލާ "ނީނާ" އާއި ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އޭނަގެ ފުރަތަމަ ފީޗާ ފިލްމަކީ 2019 ގެ "ބަވަތި" އެވެ.