މިދިޔަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިން ކާމިޔާބު ލޯބީގެ ފިލްމު "ނޮވެމްބާ" އަންނަ މަހު ސްޓްރީމިން އަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފިލްމުގެ ޑިޖިޓަލް ޕްރީމިއާ ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 14 އަށެވެ. އެއީ މީޑިއާނެޓްގެ އެމްއެސް ވީޑިއޯ ކުލަބް މެދުވެރިކޮށެވެ. އެހެންވެ ފެބްރުއަރީ 14 އިން ފެށިގެން، ބޭނުން ވަގުތަކު، ސަބްސްކްރައިބަރުންނަށް "ނޮވެމްބާ" ބަލާލުމުގެ ފުރުސަތު އޮންނާނެ އެވެ.
މިދިޔަ މަހުގެ 4 ގައި އޮލިމްޕަހުގައި ކުލަގަދަކޮށް ޕްރީމިއާކުރި މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކުރި އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. "ނޮވެމްބާ" ގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ. އަދި މީގެ ވަރަށް ހާއްސަ ރޯލެއް ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ކުޅެފައިވެ އެވެ.
"ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. ޖުމްލަ 1.6 މިލިއަން ރުފިޔާގެ ބަޖެޓަކުން ހެދި މި ފިލްމަކީ ސިންގަޕޫރުގެ އިތުރުން އައްޑު އާއި ލ. އަތޮޅާއި މާލެ އަދި ރާއްޖޭގެ އެހެން ބައެއް އެހެން ހިސާބުތަަކުގައި ވެސް ޝޫޓްކޮށްފައިވާ ފިލްމެކެވެ.