މީގެ ހައެއްކަ އަހަރު ކުރިން ޓައިގާ ޝްރޮފާ އެކީ އިއުލާންކުރި ފިލްމު "ރާމްބޯ" ގެ ޝޫޓިން މަހެއްހާ ދުވަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށް އޭގެ ޕްރޮޑިއުސަރު ސިދާތު އާނަންދު ބުނެފި އެވެ.
މި ފިލްމަކީ މި މަހުގެ 25 ގައި ސިނަމާތަކަށް ދޫކުރި "ފައިޓާ" ގެ ޑައިރެކްޓަރު 2017 ގައި އިއުލާންކުރި ފިލްމެކެވެ. އެއީ ސިދާތު ޑައިރެކްޓްކޮށް، 2018 ގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި "ރާމްބޯ" ގެ މަސައްކަތް މިހާތަނަށް އޮތީ ނުފެށި އެވެ.
Grew up on this character, humbled and blessed to step into his shoes years later. #RamboRemake pic.twitter.com/eQYqMw46pm
— Tiger Shroff (@iTIGERSHROFF) May 20, 2017
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ސިދާތު ބުނީ އެ ފިލްމާ ގުޅުން ހުރި ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި "ރާމްބޯ" ޕްރޮޑިއުސްކުރާނީ "ފައިޓާ" ވެސް އުފެއްދި އޭނަގެ ފިލްމު ކުންފުނި، މާފްލިކްސް ޕިކްޗާސް އިން ކަަމަށާއި ފިލްމު ޑައިރެކްޓްކުރާނީ ރޯހިތު ދަވަން ކަމަށް ވެސް ސިދާތު ބުންޏެވެ. ރޯހިތަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ކާތިކް އާރިއަނާ އެކީ ގެނެސްދިން "ޝެހެޒާދާ" އެވެ.
ސިދާތު ބުނީ "ރާމްބޯ" އަށް ތައްޔާރުވާން ވަރަށް ގިނަ ވަގުތު ލިބިއްޖެ ކަމަށާއި އެހެންވެ މިއީ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ ކަމަށެވެ.
"ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މީގެ މަސައްކަތް ފެށިގެން ދާތަން ފެންނާނެ." އޭނަ ބުންޏެވެ.
"ރާމްބޯ" އަކީ ހޮލީވުޑްގެ ތަރި ސިލްވެސްޓާ ސްޓެލޯން "ރާމްބޯ" ގެ ރޯލު ކުޅުނު ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 1982 ގެ "ރާމްބޯ: ފަސްޓް ބްލަޑް ޕާޓް 1" އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާގޮތުން ޓައިގާގެ "ރާމްބޯ" ގެ ބަތަލާ އަކީ ޖާންވީ ކަޕޫރެވެ.