Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ރައީސް އަޒުލު ކުރަން އުޅުމަކީ ގައުމަށް ގައްދާރުވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރަން އުޅުމަކީ ގައުމަށް ގައްދާރުވާ ބަޔަކު ކުރާނެ ފަދަ ކަމެއް ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ރައީސް މަގާމުން ވަކިކުރަން ހުށަހަޅަން އިއްޔެ ފާސްކުރުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ، ޒައިދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވ ރައީސް މުއިއްޒު އަޒުލު ކުރެވޭތޯ އުޅެނި ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިގެން ކަމަށެވެ.

އޭނަ އެ އިޝާރާތްކުރެއްވީ ރާއްޖެއާ މިހާރު ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި އޮތް އިންޑިއާއަށެވެ.

"ރާއްޖޭގެ ރައްޔިތުން މިނިވަންކަމާ އެކީ ހޮވާފައިވާ ރައީސެއް އަޒުލުކުރަން އުޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް ޢައްދާރުވާ މީހުން ކުރާ ފަދަ ކަމެއް،" ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ޝެއިހް ވިދާޅުވި އެވެ. "މިއީ ވަރަށް ނުރައްކާތެރި ސިގްނަލެއްގެ ފެށުން. ދިވެހި ރައްޔިތުން ހުށިޔާރު ވާން ޖެހޭ."

ރައީސް އަޒުލު ކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން އިއްޔެ ފާސްކުރި އިރު، އެކަމަށް ބޭނުންވާ އަދަދަށް ވުރެ ގިނަ ސޮއި ވެސް ހޯދާފައިވެ އެވެ. އެގޮތުން 34 މެންބަރެއްގެ ސޮއި މިހާތަނަށް ލިބިފައިވެ އެވެ. އެކަމަށް ބޭނުން ވަނީ އެންމެ މަދުވެގެން 26 މެންބަރެއްގެ ސޮއެވެ.

ރައީސް އަޒުލު ކުރަން ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެންނެވެ.

މިކަމުގެ ރައްދުގައި އިއްޔެ ވެރިކަން ކުރާ ޕާޓީ ޕީއެންސީ/ޕީޕީއެމްގެ މެންބަރުން އިއްޔެ ވިދާޅުވީ ރައީސް އަޒުލު ކުރެވޭނީ މަގާމުން އެ މެމްބަރުންގެ ފުރާނަ ދުއްވާލުމަށް ފަހު ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.