Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ޖަޕާނުން ނަސްލީ ތަފާތުކުރުން ގެންގުޅޭތީ ކޯޓަށް

ޓޯކިއޯ ޑިސްޓްރިކްޓް ކޯޓް.

ރަށްވެހިކަން ހޯދައިގެން ޖަޕާނުގައި ދިރިއުޅެމުން އަންނަ އެހެން ގައުމުތަކުގެ މީހުންނާ މެދު އެ ގައުމުން ތަފާތު ކުރުންތައް ގެންގުޅެެމުންދާ ކަމަށާއި ހާއްސަކޮށް ނަސްލީ ތަފާތުކުރުން ބޮޑު ކަމަށް ބުނެ އެ މައްސަލަ ތިން މީހެއްގެ ފަރާތުން ޓޯކިއޯ ޑިސްޓްރިކްޓް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ޖަޕާނުގެ ގައުމީ އަދި ސަރަހައްދީ ސަރުކާރުތަކާ ދެކޮޅަށް މައްސަލަ ކޯޓަށް ވެއްދީ އެމެރިކާ އާއި އިންޑިއާ މީހެއްގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ތިން ފިރިހެނެކެވެ. އެ މީހުން ހުށަހެޅި މައްސަލާގައި ވަނީ ތަފާތުކުރުންތަކާ ހެދި ލިބެމުންދާ ގެއްލުންތަކަށް މާލީ ބަދަލު ނަގައި ދޭން ވެސް އެދިފަ އެވެ. އެގޮތުން ކޮންމެ މީހަކަށް 3 މިލިއަން ޔެން 20،250) ޑޮލަރު ނަގައިދޭން އެދިފައިވެ އެވެ.

ނަސްލީ ތަފާތު ކުރުން ބޮޑު ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ މީހުން މަސައްކަތްކުރާ ތަންތަނުގައި ވެސް ތަފާތުކުރުންތައް ބޮޑުކަމަށާއި މަގުމަތިން ފުލުހުން ވެސް އާންމުކޮށް ހުއްޓުވައި، ނުހައްގުން އެކި ކަހަލަ އަދަބުތައް ދެމުންދާ ކަމަށެވެ. އަދި އެގޮތަށް އެ މީހުންނާ މެދު އަމަލުކުރާނީ ސީދާ ޖަޕާނުގެ ރައްޔިތުންނަށް ނުވާތީ ކަމަށާއި ޖަޕާންގެ މީހެއް ނަމަ އެ ގައުމުގެ މީހުން ތިބޭ ސިފައާ އެއްގޮތް ވާން ޖެހޭނެ ކަމަށް ބުނެ، ފުރައްސާރަތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މައްސަލަ ހުށަހެޅި ތިން މީހުން ބުނެފައި ވަނީ މިއީ ޖަޕާންގެ ރަށްވެހިކަން ހޯދައިގެން އެ ގައުމުގައި އުޅޭ އެތައް ބައެއްގެ ހައްގުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި މި ދައުވާގެ ސަބަބުން ޖަޕާނުގައި ނަސްލީ ތަފާތުކުރުންތަކާ މެދު ގިނަ ބަޔަލު ހޭލާނެ ކަމަށް ބުނެފައިވެ އެވެ.

އެ މީހުން އިތުރށް ބުނެފައި ވަނީ ޖަޕާނުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ގިނަ މީހުންނަކީ އެ ގައުމަށް އެހީވުމުގެ އެ ގޮތުން އެ އުޅޭ ބައެއް ކަމަށެވެ. ސަބަބަކީ ޖަޕާނަކީ އުފަންވާ ރޭޓް ދަށް ގައުމަކަށްވެފައި، މަސައްކަތުގެ ބާޒާރަށް މީހުން ހޯދުމުގެ ދަތިކަން ވެސް އޮތުމުން އެކަން އިގުތިސާދީ ގޮތުން ވެސް ބޮޑު ގޮންޖެހުމަކަށްވެފައިވުމެވެ.

ޖަޕާނަކީ ޒުވާން އާބާދީ މަދު، ދުވަސްވީ މީހުންގެ އާބާދީ ބޮޑު ގައުމެކެވެ.

ނަސްލީ ތަފާތުކުރުން ބޮޑު ކަމަށް ބުނެ ޖަޕާނާ ދެކޮޅަށް މައްސަލައެއް ކޯޓަށް ވައްދާފައި މި ވަނީ ޔުކްރޭނަށް އުފަން ޖަޕާން އަންހެނަކަށް "މިސް ޖަޕާން" ގެ ތާޖު މިދިޔަ ހަފުތާގައި ލިބުމާ ގުޅިގެން އެކަމުގެ ނުތަނަވަސްކަން ވެސް ޖަޕާން ރައްޔޮތުންގެ މެދުގައި އުފެދިފައި ވަނިކޮށެވެ.

ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން ޖަޕާނާ ދެކޮޅަށް ކޯޓަށް ވެއްދި މިފަދަ ފުރަތަމަ މައްސަލާގައި އެ ގައުމުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.