ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހުތިރާމު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހުގައި އިއްޔަ ވޯޓަށް އެހިއިރު 3 ވަޒީރެއްފިޔަވާ ދެންތިބި ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. މަޖިލީހުން ރުހުން ނުދިން މިނިސްޓަރުންގެ ތެރޭގައި ޑރ. ޝަހީމްވެސް ހިމެނެއެވެ. މަޖިލީހުން ރުހުން ނުދިނުމުން ރައީސް އޮފީހުން ވަނީ ރޭގެވަގުތެއްގައި ޑރ. ޝަހީމް އަނބުރާ މަގާމަށް އައްޔަނު ކުރައްވާފައެވެ.
މިނިސްޓަރުކަމަށް އަލުން އައްޔަން ކުރެއްވުމުން މަރުހަބާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވަނީ މަޖިލީހުން ރުހުން ނުދިން މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޝަހީމް ވިދާޅުވީ ސިޔާސީ މާހައުލުގައި އުޅޭއިރު އެފަދަ ކަންކަމާ ދިމާވާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހުތިރާމު ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މަތީ އެއް މުއައްސަސާ ކަމަށާއި، އެ މުއައްސަސާއާ އިސްލާމިކް މިނިސްޓްރީގެ ކަންކަމާ ހަވާލުވެ ހުންނަ ފަރާތަކާ ދެމެދު ނުތަވަސްކަމެއް އޮވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ 19 ވަޒީރަކަށް މަޖިލީހުން ރުހުން ދިން އިރު ރުހުން ނުދިން ވަޒީރުންނަކީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު އެވެ. މި ތިން ބޭފުޅުންނަށްވެސް އަލުންވަނީ ވަޒީރުކަމުގެ ފަތްކޮޅު އަރުވާ މަގާމުގެ ހުވާ ކުރައްވާފައެވެ.