ޗައިނާގެ ހިލޭ އެހީގެ ދަށުން 5 ރަށެއްގައި އިޔާދަކުރެނެވި ހަކަތައިން ބޭނުންކުރާ ޑީސަލިނޭޝަން ޕްލާންޓްތަކެއް ގާއިމުކޮށްފިއެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން އިޔާދަކުރެނެވި ހަކަތައިން ބޭނުންކުރާ ޑީސަލިނޭޝަން ޕްލާންޓްތައް ގާއިމުކޮށްފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ އަދި ކ. ކާށިދޫގައެވެ. މިއަދު ޗައިނާއިން ވަނީ މި ޕްލާންޓްތައް ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ އަދި ގއ. ދާންދޫގައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓް އަދި 200KW ގެ ސޯލަރ ޕެނަލް ހަރުކޮށްފައެވެ. މީގެއިތުރުން ކ. ކާށިދޫގައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓް 100KW ގެ ވިންޑް ޓަރބައިން އަދި 100KW ގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފައެވެ.
މި މަސައްކަތް ނިންމާ ލިޔެކިޔުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރޭސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ވޮންގ ލީޒިންއެވެ.