ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ ޤާނޫނޫއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އެ އިސްލާހަކީ ބާތިލް ބައެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް 28 ޖަނަވަރީ ގައި ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ މާއްދާތަކާ ތައާރުޟުވާ މާނަކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ.
"ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ އެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް މި މައްސަލައިގައި އެދިފައިވާނެއެވެ." ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގައި އެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރު ކޮށްފައިވާ އަކުރުތަކުގައި ބުނެފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. އަދި ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ދާއިރާއެއް ނުގުނާނެ ކަމަށެވެ.
މަޖިލީހުގެ ގަވައިދަށް އެމްޑީޕީ މެޖޯރިޓީ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އެކުލަވާލިއިރު، މަޖިލީހުގައި ތިބި ޕީޕީއެމް – ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަނުކޮށް އެ ދާއިރާތަކުގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ.