Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ސަނީގެ ފިލްމެއްގައި އަލަށް ޝަބާނާ

ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ފިލްމެއްގައި އަލަށް ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އާޒްމީ މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ފިލްމަކީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ "ލާހޯރް، 1947" ކަމަށެވެ. މިއީ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ "ލާހޯރް، 1947" ގައި ޝަބާނާ، 73، ކުޅޭނީ ލާހޯރްގައި އުޅޭ ހިންދޫންގެ ނުފޫޒު ގަދަ މީހެއްގެ ރޯލު ކަމަށެވެ.

މި ފިލްމުގައި އޭނަ އަށް ސަނީއާ އެކީ މަސައްކަތްކުރަން ފުރުސަތު ފަހިވެގެން ދިޔަ އިރު، ސަނީގެ ބައްޕަ ދަރުމެންދުރާއާ އެކީ ޝަބާނާ މިދިޔަ އަހަރު ފިލްމަކުން ފެނިފައިވެ އެވެ. އެއީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. އޭގައި އެ ދެ މީހުންގެ "ކިސްއެއް" ވެސް ހިމެނެ އެވެ. އަދި އެކަންވީ ބެލުންތެރިންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޝަބާނާ ކުޅުނު ރޯލުން އިއްޔެ ރޭ ބޭއްވި ފިލްމުފެއާ އެވޯޑްސްގެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ލާހޯރް، 1947" ގެ ލީޑް ބަތަލާ އަކީ ޕްރިތީ ޒިންތާ އެވެ. އެހެންވެ މިއީ އޭނަ އެނބުރި އިންޑަސްޓްރީ އަށް އަންނަ ފިލްމަށް ވާނެ އެވެ. ޕްރިތީގެ އެންމެ ފަހުގެ ފިލްމަކީ ސަނީއާ އެކީ ކުޅުނު 2018 ގެ "ބެއްޔާޖީ ސުޕަހިޓް" އެވެ.