ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން 10 އަހަރަށް ޖަލަށްލާން އަސްކަރިއްޔާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
އިމްރާން ޖަލަށް ލުމަށް ހުކުމް ކުރީ ދައުލަތުގެ ސިއްރުތަކެއް ލީކު ކުރި ކަމަށް ބުނެ އުފުލި ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. އިމްރާން ވަނީ މިއީ ސިޔާސީ ގޮތުން އުފުލި ދައުވާތަކެއް ކަމަށް ތަކުރާރުކޮށް މީގެކުރިން ވިދާޅުވެފަ އެވެ.
މި ދައުވާ އިމްރާންގެ މައްޗަށް އުފުލީ އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ފޮނުއްވި ލިއުމެއް ހާމަކުރެއްވި ކަމަށް ބުނެ އެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުގެ އެއް މަސް ދުވަސް ކުރިން އިމްރާން ވަނީ ބޭރު ގައުމަކުން އޭނާއާ ދެކޮޅަށް ބަޣާވާތް ކުރަން ރޭވިކަމުގެ ހެކި ކަމަށް ވިދާޅުވެ ކަރުދާސްތަކެއް ސަޕޯޓަރުންނާއެކު ބޭއްވި އެއްވުމެއްގައި ދައްކާލާފަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި އިމްރާން މިހާރުވެސް ގެންދަވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ދައުލަތުގެ ސިއްރުތަކެއް ލީކު ކުރި ކަމަށް ބުނެ އިމްރާން 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި މިވަނީ ޕާކިސްތާނުގެ އާންމު އިންތިޚާބަށް ހަފުތާއަކަށް ވެފައި ވަނިކޮށެވެ. މި އިންތިހާބުގައި އިމްރާނަށް ވާދަނުކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ވެސް އޮތީ ބުނެފަ އެވެ.