މިހާރު އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށާއި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން ކަމަށް ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން ބުނެފި އެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ފައިޓާ" ގެ ޕްރޮމޯޝަންގެ ތެރެއިން ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި 50 އަހަރުގެ އެކްޓަރު ބުނީ މި ފިލްމަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހަކަށްވާން ވަރަށް ބޮޑެތި ފިލާޅުވަޅުތަކެއް ލިބުނު ފިލްމެއް ކަމަށެވެ. އެގޮތުން އޭގައި އަސްކަރީ ޕައިލެޓެއްގެ ރޯލު ކުޅެން ހަށިގަނޑަށް މުހިއްމު ބޮޑު ތިން ބަދަލެއް ގެންނަން މަސައްކަތްކުރި އިރު، އަމިއްލަ ހަޔާތަށް އައި އެންމެ ހެޔޮ އެއް ބަދަލަކީ ދުންފަތާ ދުރުވުން ކަމަށް ބުންޏެވެ.
"ފައިޓާގެ މަސައްކަތް ފެށި އިރު އަހަންނަކީ އާންމު އުސޫލުގެ މަތިން ސިނގިރެޓް ބޯ މީހެއް. ފިލްމުގެ ޝޫޓިންގައި ލިބޭ ބްރޭކްތަކުގައި ވެސް އެ އާދަ އޮތް،" ބޮލީވުޑްގެ އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ ރިތިކް ބުންޏެވެ. "އެކަމަކު މި ފިލްމަށް ފިޒިކަލީ ތައްޔާރުވާން ކުރި މަސައްކަތް ވަރަށް ބޮޑު. ނަތީޖާއަކަށްވީ އަހަރެން ދުންފުތާ ދުރުވާން ހިތްވަރެއް ލިބުން."
ރިތިކް ބުނީ ސިނގިރެޓް ބުއި ދުވަސްވަރު އޭނަގެ ހިތް ހިނގުމުގެ ރޭޓް ވަރަށް ބާރު ކަމަށާއި އޭގެ ސަބަބުން އުނދަގޫތަކާ ވެސް ކުރިމަތިވަމުން ދިޔަ ކަމަށެވެ. އެކަމަކު ދުންފަތާ ދުރުވި ފަހުން، ޖުމްލަކޮށް މުޅި ސިއްހަތަށް ވަރަށް ބޮޑު ލުއެއް، ފަސޭހައެއް ލިވިފައިވާ ކަމަށް ބުންޏެވެ.
"ދިގު މުއްދަތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ ނަމަ ދުންފަތުގެ އިސްތިއުމާލާ އެބަޖެހޭ ދުރުވާން. އަހަރެން ދެން އެއަކާ ގާތެއް ނުވާނަން. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މެންޓަލީ ވެސް މީހާ ބަލިކަށިކުރުވާ ކަމެއް ކަމަށް އަހަންނަށް ފާހަގަކުރެވުނީ. މީހާ ޕޮޒިޓިވްކޮށް ހުންނަން ދުންފަތާ ދުރުވުން ވަރަށް މުހިއްމު."
ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ އެކްޓަރުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބައެކެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި އަޖޭ ދޭވްގަން ފާހަގަކޮށްލެވެ އެވެ.