Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހަތަރު ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 4 ބިލިއަން

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

އެސްޓީއޯ އަށް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 10 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. އެހެންނަމަވެސް ކުންފުނިން ވިއްކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި އަދި ކުންފުނީގެ ބެލެންސްޝީޓް ރީސްޓްރަކްޗާރ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށްފަހު އެސެޓްތައް އެޖަސްޓްކުރެވިފަވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ކުންފުނީގެ އިމްޕެއާރމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިއަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މި އަހަރުގެ ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުން ކަމަށް އެކުންފުނިން ބުނެ އެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 819 މިލިއަން ރުފިޔާ ލިބިފަ އެވެ.