Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތިން ވަނަ މާކެޓަށް ޗައިނާ އަރައިފި

ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ތިން ވަނަ ގައުމަކަށް ޗައިނާވެއްޖެ އެވެ.

ރާއްޖޭގެ އެއްވަނަ މާކެޓަށް އެ ގައުމު ހަދައިދޭން ސަރުކާރުން ދާދި ފަހުން ޗައިނާގައި އެދިފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 28 އާ ހަމައަށް ޗައިނާ އިން ރާއްޖެ އަށް ޖުމްލަ 16،529 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރު ފެށުނު ފަހުން ޗައިނާ ގެންދިޔައީ މަޑުމަޑުން ގަދަ 10 ގެ ލިސްޓްގެ ކުރިއަށް ޖެހެމުންނެވެ. އެގޮތުން މި މަހުގެ މެދު ތެރޭގައި އެ ގައުމު އޮތީ ގަދަ 10 ގެ ހަ ވަނައިފަ އެވެ. ޗައިނާ މިހާރު ތިން ވަނައިގައި އޮތް އިރު، އެ ގައުމަކީ މިދިޔަ އަހަރު ރާއްޖެ އަށް ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން ވެސް އައި ގައުމެވެ.
ޗައިނާގެ ޓޫރިސްޓިން އިތުރުވާން މަގުފަހިވި އެއް ކަމަކީ ހޮންކޮންގް އެއާލައިންސްގެ ދަތުރައް ވެސް މިހާރު ރާއްޖެ އަށް ފެށުމެވެ. އަންނަ މަހު އެ ގައުމުފެ ޝިއަމަން އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެ އަށް ފަށާނެ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ އެވެ. މި މަހުގެ 28 އާ ހަމައަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 18،561 އަށް އަރާ އިރު، ދެވަނަގައި އިޓަލީ އޮތީ 18،111 ޓޫރިސްޓުންނާ އެކީގަ އެވެ.

ހަތަރު ވަނައިގައި އިނގިރޭސިވިލާތް 14،588 ޓޫރިސްޓުންނާ އެކީ އޮތް އިރު، މިދިޔަ އަހަރުގެ އެއްވަނަ މާކެޓް އިންޑިއާ ފަސް ވަނައިގައި އޮތީ 13،989 ޓޫރިސްޓުންނާ އެކީގަ އެވެ.

ގަދަ 10 ގައި ދެން ހިމެނެނީ ޖަރުމަން (10،652 ޓޫރިސްޓުން)، އެމެރިކާ (6،299 ޓޫރިސްޓުން)، ފްރާންސް (6،168 ޓޫރިސްޓުން)، ޕޮލޭންޑް (5،109 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (3،330 ޓޫރިސްޓުން) އެވެ.

މި މަހުގެ 28 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 174،400 ޓޫރިސްޓުން އައިސްފައިވެ އެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައި އޮތީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.