އައްޑޫ މަސްވެރިންނާއި އޮޑިވެރިންގެ ޝަކުވާތައް ވަރަށް ބޮޑު ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިން މިފްކޯ އަށް މަސްކިރުވުމަށް ފަހު ލިބެން ޖެހޭ ފައިސާ ނުލިބި ، އެތަކެއް ތަކުލީފެއް އުފުލުމުގައި ތިބި އިރު، އައްޑޫގެ މަސްވެރިންނާއި އޮޑިވެރިންގެ ޝަކުވާ ދަނީ ލިބެމުން ކަމަށެވެ.
"އަދި މިފަދަ ދިގު މުއްދަތަކަށް ފައިސާ ނުލިބި ދިޔަ ޒަމާނެއް މަސްވެރިން ތަޖުރިބާކޮށްފައި ނުވާކަމަށް އެ ބޭފުޅުން ހާމަކުރޭ. މި މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަކީ މުހިއްމުކަ މެއް." މޭޔަރު ވިދާޅުވި އެވެ.
މަސްވެރިން މިފްކޯއަށް މަސްކިރުވުމަށް ފަހުލިބެންޖެހޭ ފައިސާ ނުލިބި ، އެތަކެއް ތަކުލީފެއް އުފުލުމުގައި ތިބި އައްޑޫގެ މަސްވެރިންނާއި އޮޑިވެރިންގެ ޝަކުވާދަނީ ލިބެމުން. އަދި މިފަދަ ދިގު މުއްދަތަކަށް ފައިސާނުލިބި ދިޔަ ޒަމާނެއް މަސްވެރިން ތަޖުރިބާ ކޮއްފައި ނުވާކަމަށް އެބޭފުޅުން…
— Ali Nizar (@DhekunuNizar) January 30, 2024
މޭޔަރު ވިދާޅުވީ ކުރިއަށް އޮތީ އޮތީ ރޯދަ މަހަށްވެފައި މަސްވެރިންނާއި އެ މީހުންގެ އާއިލާތައް ބިކަ ނުވާނެހެން ސަރުކާރުން އަވަސް ފިޔަވަޅެއް އަޅައި ދިނުމަށް އެދޭ ކަމަށެވެ.
ކިރުވާ މަހަށް ފައިސާ ލިބުން ލަސްވާ މައްސަލާގައި އައްޑޫ މަސްވެރިންގެ ޝަކުވާތައް ލިބެމުންދާ ކަމަށް މޭޔަރު ވިދާޅުވެފައި މި ވަނީ މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރަން ފަށާފައި ވަނިކޮށެވެ. އެގޮތުން މި ސަރުކާރުން ވަނީ މިހާތަނަށް 276 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެފައި ވަނީ މަސްވެރިންނށް ދޭން ޖެހޭ ފައިސާ އަދިވެސް އެބަހުރި ކަމަށާއި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތަކީ މަސްވެރިންނަށް ފަސޭހަ އިން ފައިސާ ލިބޭނެ ގޮތް ހަމަޖައްސައި، މަސްވެރިން އުފުލަން ޖެހޭ ތަކުލީފުތަކަށް ޖުމްލަ ހައްލެއް ގެނެސްދިނުން ކަމަށެވެ.