ދެވަނަ ބައި ހެދުމުގެ ވާހަކަ ދެކެވޭތާ އެތައް އަހަރެއް ފަހުން ޑައިރެކްޓަރު އަނީސް ބަޒްމީގެ "ނޯ އެންޓްރީ" ގެ ސީކްއެލްގެ މަސައްކަތް މުޅިން ތަފާތު ކާސްޓަކާ އެކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ސަލްމާން ޚާނާއި އަނިލް ކަޕޫރްގެ އިތުރުން ފަރުދީން ޚާން ބަތަލުންގެ ރޯލު ކުޅުނު 2005 ގެ ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައި "ނޯ އެންޓްރީ މޭ އެންޓްރީ" ހަދަން ނިންމާފައި ވަނީ އަރުޖުން ކަޕޫރާއި ވަރޫން ދަވަންގެ އިތުރުން ފަގުޑި އެޅި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖާ އެކީގައި ކަމަށެވެ.
މި ފިލްމަކީ އަރުޖުންގެ ބައްޕަ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ އެއްޗެކެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީކްއެލްގެ މަސައްކަތް މިހާތަނަށް ނުފެށި އޮތް އެންމެ ބޮޑު އެއް ސަބަބަކީ ބޯނީ އާއި ސަލްމާނާ ދެމެދު ކުރިން އޮތް ގާތްކަން ކެނޑި، ސަލްމާން ބޯނީގެ ޕްރޮޖެކްޓެއްގައި މަސަައްކަތްކުރަން ބޭނުން ނުވުމެވެ. މީގެ ސަބަބުތަކުގެ ތެރޭގައި އޭނަގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާއާ ބޯނީގެ ދަރިފުޅު، އަރުޖުން ރައްޓެހިވެގެން އުޅޭތީ އެކަމާ ސަލްމާން ނުރުހުމެވެ.
ޕިންލްވިލާ އިން ބުނީ ކުރީގެ ކާސްޓާ ނުލައި "ނޯ އެންޓްރީ" ގެ ދެވަނަ ބައި ހަދަން ނިންމި އިރު، މި ފިލްމު އަންނަ އަހަރު އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.
ޑައިރެކްޓަރު އަނީސް މިހާރު އަންނަނީ އޭނަ 2022 ގައި ކާތިކް އާރިއަނާ އެކީ ގެނެސްދިން ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައިގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފެށުމަށް ތައްޔާރީތައްވަމުންނެވެ. އެކަން އެ ފިލްމު ޕްރޮޑިއުސްކުރާ ޓީ ސީރީޒުން ދާދި ފަހުން އިއުލާން ވެސް ކުރި އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ނޯ އެންޓްރީ" އަކީ އޮގަސްޓް 26، 2005 ގައި ރިލީޒްކުރި ކޮމެޑީއެކެވެ. މީގެ ބަތަލާއިންގެ ތެރޭގައި ލާރާ ދައްތާ، ބިޕާޝާ ބާސޫ، އީޝާ ޑިއޯލް އަދި ސެލީނާ ޖެއިޓްލީ ހިމެނެ އެވެ. ނަމަވެސް ދެވަނަ ބައިހެ ބަތަލާއިންނާ ބެހޭ އެއްވެސް ވާހަކައެއް އަދި ނުދެކެވެ އެވެ.