Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ހަމައެއް ލަމައެއް ނެތި ރައީސް އަޒުލެއް ނުކުރެވޭނެ

ހަމައެއް ލަމައެއް ނެތި ރައީސް މަގާމުން އަޒުލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިދިކޮޅަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

މަގާމުގައި ބަހައްޓަން މަޖިލީހުން ރުހުން ނުދިނުމުން މަގާމު ގެއްލުމުން އަލުން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝަހީމް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ އަކު އެއްވެސް ހަމައެއް ލަމައެއްނެތި އަޒުލެއް ނުކުރެވޭނެ ކަމަށެވެ.

"ޤާނޫނީ ވެރިކަން ހިންގަން ފުރުޞަތު ދޭން ޖެހޭނެ. ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި." އޭނަ ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ސަނާކިޔުއްވަމުން ގެންދަވާ މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މުއިއްޒަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.

ނޮވެމްބަރު މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވި މުއިއްޒު މަގާމުން އަޒުލުކުރަން އިދިކޮޅު އެމްޑީޕީން ސޮއި ހަމަކޮށް، އެކަން މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ އިރު، އެ މަސައްކަތް ކުރަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެންނެވެ. ރައީސް އަޒުލުކުރުން ފަސޭހަކުރުމުގެ ގޮތުން މަޖިލީހުގެ ގަވާއިދާ އަށް އިސްލާހެއް ވެސް ހުށަހަޅާފައިވެ އެވެ. އެ އިސްލާހާ އެކު މަޖިލީހުގެ 54 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ. މަޖިލީހުގައި މިހާރު އެ އަދަދަށް ސަރުކާރާ އިދިކޮޅު މެންބަރުން އެބަތިއްބެވެ.

އިސްލާހި ބާތިލު ކުރަން ސުޕްރީމް ކޯޓަށް އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.