ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަސް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޤާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސް ދުވަސް ކަމަށެވެ. ރައީސް މުއިއްޒު ޤާނޫނުއަސާސީ އާއި ޤާނޫނާއި ޚިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު އަޒުރު ނުކުރެވޭނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމަށެވެ.
"އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ." ޤާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އޮތަތީ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުސޫލުތަކާއިވެސް މުޅީން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތި ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި ކަމަށާއި ޤައުމަށް ކުރިއެރުން ހާޞިލް ކޮށް ދިނުމަށް ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުސަތު ދޭންޖެހޭނެކަމަށް ދެކޭކަމަށް ޤާސިމް ވިދާޅުވިއެވެ.