މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިއުލާންކުރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" އަށް އެކްޓަރު ރަންބީރް ކަޕޫރް ސޮއިކުރީ މައިގަނޑު ދެ ޝަރުތަކާ އެކީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އޭނަގެ އަންހެނުން އާލިއާ ބަޓްގެ ބަތަލާގެ ރޯލު ކުޅޭ އަދި ކާސްޓްގައި ވިކީ ކޯޝަލް ވެސް ހިމެނޭ މި ފިލްމަށް ރަންބީރް ކުރި ދެ ޝަރުތަކީ އޭނަ އަށް ފަސޭހަވާ ގަޑިތަކަށް ފިލްމުގެ ޝޫޓިން ޝެޑިއުލްކޮށް ދިނުމާއި ފިލްމުގެ ޝޫޓިން އެއްކޮށް އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމުމަށް ރާވައި ދިނުމެވެ.
ފިލްމުގެ ޝޫޓިން ފަށަން މިހާރު ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ނޮވެމްބަރުގަ އެވެ.
މީޑިއާތަކުން ބުނީ ރަންބީރް ދެ ޝަރުތު ވެސް ބަންސާލީ ވަރަށް ފަސޭހަ އިން ގަބޫލުކުރި ކަމަށެވެ. އަނެއްކޮޅުން އޭނަ "ލަވް އެންޑް ވޯ" ކުޅެދޭން ނިންމީ ޑިސްކައުންޓް އަގެއްގައި ކަމަސް ވެސް މީޑިއާތަކުން ބުންޏެވެ. މިދިޔަ އަހަރުގެ "އެނިމަލް" ގެ ކާމިޔާބީއާ ގުޅިގެން ރަންބީރް ވަނީ ފިލްމު ކުޅޭ އަގު 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) އިން 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) އަށް ބޮޑުކޮށްފަ އެވެ.
"ލަވް އެންޑް ވޯ" އަކީ ކުޅަދާނަ ޑައިރެކްޓަރާ އެކީ ރަންބީރް މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އޭނަ ބޮލީވުޑަށް ނެރުނީ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ.
މީޑިއާތަކުން ބުނި ގޮތުގައި އާ ފިލްމަށް ރަންބީރް ޝަރުތުތަކެއް ކުރީ ދަރިފުޅު ރާހާ ކަޕޫރަށް ވެސް ގިނަ ވަގުތު ދޭން ބޭނުންވުމާއި އެހެން ޕްރޮޖެކްޓަކަށް ވެސް ވަގުތު ދޭން ބޭނުންވާތީ އެވެ. ރަންބީރް ސޮއިކޮށްފައިވާ ކަމަށް ބުނާ އިތުރު ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ހުރާފީ ޓްރިލޮޖީ "ރާމާޔަން" ހިމެނެ އެވެ.
"ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި އާލިއާއާ އެކީ ގެނެސްދިން "ގަންގޫބާއި ކަތިއަވާޅީ" އެވެ.